ވޮޝިންޓަން (23 ޖެނުއަރީ) އެމެރިކާގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސެކެޓްރީ އޮފް ޑިފެންސްގެ މަގާމަށް ކަޅު ނަސްލުގެ ބޭފުޅަކު އައްޔަން ކުރުމަށް ސެނެޓުން ރުހުން ދީފި އެވެ.

ހުކުރު ދުވަހު ސެނެޓްގެ ބައްދަލުވުމެއްގައި، ރިޓަޔާޑް ޖެނެރަލް ލޮއިޑް އޮސްޓިން، ސެކެޓަރީ އޮފް ޑިފެންސްގެ މަގާމަށް ރުހުން ދިނުމުގެ ވޯޓުގައި ދެ ޕާޓީގެ މެމްބަރުން ވެސް ވޯޓު ދެއްވާފައިވެ އެވެ.

އޮސްޓިން ވަނީ ސެނެޓްގެ ގިނަ މެމްބަރުންގެ ވޯޓު ލިބިފަ އެވެ. އަދި ކަޅު ނަސްލުގެ ބޭފުޅަކު ފުރަތަމަ ފަހަރަށް މިފަދަ މަގާމަކަށް އިސްކުރުން ވެގެންދާނީ ބައިޑެންގެ ސަރުކާރުގައި ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ކުރައްވާ މަސައްކަތަށް އިތުރުވެގެންދާނެ އާބޮޅެކެވެ. އަދި އެމެރިކާގެ އަސްކަރިއްޔާގެ ރޭންކްތަކުގައި ޒަމާނުއްސުރެ އޮންނަ ނަސްލީ ތަފާތުކުރުންތައް ނައްތަލުންމަށް ވެސް އަސްޓިން މަސައްކަތް ކުރައްވާނެ އެވެ.

ސެނެޓްގެ އާމްޑް ސާވިސް ކޮމިޓީގެ ޗެއާމަން ޖެކް ރީޑް ވިދާޅުވި ގޮތުގައި އޮސްޓިން އަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވި އެވެ. ކޮވިޑާ ގުޅިގެން ދިމާވެފައިވާ ކަންކަމުގެ އިތުރުން ޗައިނާ އަދި ރަޝިއާގެ ނުފޫޒު ގަދަ ވެފައިވާކަން ފާހަގަކޮށް، އެމެރިކާއިން މިކަންކަމަށް އަވަސް ފަރުވާއެއް ހޯދަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮސްޓިން ރިޓަޔާ ކުރައްވާފައިވަނީ 2016 ވަނަ އަހަރު އެވެ. އަސްކަރިއްޔާއިން ރިޓަޔާ ކުރައްވާ ބޭފުޅަކު މަގާމަކަށް ހަމަޖެއްސޭނީ ރިޓަޔާ ކުރިތާ ހަތް އަހަރުވުމުންނެވެ. ނަމަވެސް ކޮންގްރެސް އިން ވަނީ އެ ގަވާއިދަށް ބަދަލުގެނެސް އޮސްޓިންއަށް މަގާމަށް އާދެވޭނެ ގޮތް ހަމަޖައްސާފަ އެވެ.

އޮސްޓިން ވަނީ ކަޅު ނަސްލުގެ ފުރަތަމަ ސެކެޓްރީ އޮފް ޑިފެންސަށްވުމުގެ ޝަރަފް ލިބުމުން އުފާކުރައްވާ ކަމަށާއި އަދި މިއީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ލީޑާޝިޕްގެ ދަށުން އެމެރިކާއަށް ކުރިމަތިވެދާނެ ކޮންމެ ކަމަކަށް ފުރިހަމައަށް ތައްޔާރަށް ތިބޭނެ ކަމަށް ވިދާޅުވެ، އެމެރިކާއާށް ނުރައްކާކުރާނެ ކޮންމެ ބަޔަކަށް އެމެރިކާގެ އަސްލު ފެންވަރު ދައްކާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެމެރިކާގެ އަސްކަރިއްޔާ ތެރޭގައި ތިބި އެމެރިކާއާ ދެކޮޅު މީހުން ވެސް ހޯދައި އެމެރިކާއަކީ ރައްކާތެރިތަނަކަށް ހަދާނެ ކަމަށް ވިދާޅުވި އެވެ. – ޗެނެލްނިއުސް އޭޝިޔާ