ސައޫދީ އަރަބިޔާ އާއި އިޒްރޭލާ ދެމެދު ގުޅުންތައް އާދައިގެ ހާލަތަކަށް ގެނައުމާ ބެހޭ މަޝްވަރާތަކުގައި ވަރަށް ކުރިއަށް ދެވިއްޖެކަމަށް ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޓީވީ ޗެނަލެއް ކަމަށްވާ ފޮކްސްއަށް ދެއްވި އިންޓަވިއުއެއްގައި މުހަންމަދު ބިން ސަލްމާން ވިދާޅުވީ "ކޮންމެ ދުވަހަކު ވެސް (ދެ ގައުމުގެ ގުޅުން) އަންނަނީ ކައިރި ވަމުން" ކަމަށެވެ.
ސައޫދީ އަރަބިޔާ އާއި އިޒުރޭލާ ދެމެދު ގުޅުންތައް އާދައިގެ ހާލަތަކަށް ގެނައުމަށް މަސައްކަތްކުރުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަރަށް އިސް ކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.
އެ މަސައްކަތަށް މިހާތަނަށް މާބޮޑު ކާމިޔާބެއް ނުލިބި ވަނީ ފަލަސްތީނުގެ މައްސަލައިގައި އިޒްރޭލަށް ވަކި ގޮތެއް ނުނިމިގެންނެވެ. ގުޅުންތައް އާދައިގެ ހާލަތަކަށް ގެނައުމާމެދު ދެކެވޭ ވާހައިގެ ތެރޭގައި ސައޫދީގެ ސަލާމަތީ ކަންތައްތަކަށް އެމެރިކާގެ އިތުރު އެހީ އާއި އާންމު ބޭނުންތަކަށް އެގައުމުން ހޯދަން ބޭނުންވާ ނިއުކްލިއާ އެނާޖީގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ވާހަކައިގެ އިތުރުން ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުން ވެސް ހިމެނެ އެވެ.
ގުޅުން އާދައިގެ ހާލަތަކަށް ގެނައުމަށް މަޝްވަރާކުރެވޭ ކަންތައްތަކާ ބެހޭ ގޮތުން ދެންނެވުނު ސުވާލުގެ ޖަވާބުގައި މުހައްމަދު ބިން ސަލްމާން ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ ސައޫދީއަށް ވަރަށް މުހިންމު މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ހިމެނޭ ގޮތުން ވާހަކަތައް ކުރިޔަށް ގެންދެވޭނެ ރަނގަޅު ޕްލޭނެއް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.
މުހައްމަދު ބިން ސަލްމާން ވިދާޅުވީ ފަލަސްތީނަށް ހަމަޖެހިގެން އުޅެވޭނެ ގޮތެއް ހަމަޖެހި އިޒްރޭލް މެދު އިރުމަތީގެ މުހިންމު ރޯލެއް ކުޅޭ ގައުމަކަށް ވުމަކީ އޭނާ ދެކެން ބޭނުންވާ ދުވަސް ކަމަށެވެ.
މުހައްމަދު ބިން ސަލްމާނުގެ އިންޓަވިއުގައި ވަނީ އީރާނާ އެގައުމާ ކައިރިވެފައިވާ ގުޅުމާ އީރާނުގެ ނިއުކުލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ.
އޭނާ ވިދާޅުވީ ނިއުކްލިއާ ހަތިޔާރެއް އުފައްދަން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ސަބަބަކީ އެކަމުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވުން ނޫން ކަމެއް ނުވާނެތީ އެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފިނަމަ ވާނީ ކިހިނެއްތޯ ދެންނެވުނު ސުވާލުގެ ޖަވާބުގައި މުހައްމަދު ވިދާޅުވީ "އޭރުން އަހަރެމެން ވެސް ޖެހޭނީ އެ ހޯދަން" ކަމަށެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް އެމެރިކާއިން ތުހުމަތު ކުރި ކަމަށް ވިޔަސް އެ ތުހުމަތުތައް އީރާނުން ދޮގު ކުރެ އެވެ.