ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން އެކަމަށް ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދިވެހި ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް މިއަދު ލިބިފައިވާ ކަމަށެވެ. އަދި މިކަމާމެދު، އެ ކޮމިޝަނުން އަމަލު ކުރާނޭ ގޮތުގެ ގާނޫނީ ލަފާ މިހާރު ހޯދަމުންދާ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މަޖިލީހުގެ މުޅި ކޮމިޓީން ދިރާސާކޮށް ފާސްކޮށް އިއްޔެ މަޖިލީހުގެ ތަޅުމުން އެ ގަރާރު ފާސްކޮށްފައިވެ އެވެ. އެ ގަރާރުގައި ބުނެފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓު ނަގަން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލު ހަބީބު މީގެ ކުރިން ވިދާޅުވެފައި ވަނީ އެފަދަ ވޯޓެއް ބާއްވާނަމަ މަދުވެގެން 30 ދުވަހުގެ މުއްދަތެއް އެކަމަށް ތައްޔާރުވުމަށް އީސީ އަށް ބޭނުންވާނެ ކަމަށެވެ. އަދި އެފަދަ ވޯޓެއް ބޭއްވުމަށް 40 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭ ކަމުގައި ވެސް ހަބީބު ވިދާޅުވެފައިވެ އެވެ.
ނިޒާމީ ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަނަށް އަންގަން އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެކު ފާސްވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ނާކާމިޔާބާ އެކު ނިޒާމީ ވޯޓު ނެގުމާމެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިން ގެންގުޅުއްވި ވިސްނުން ދޫކޮށްލައްވައި، އެކަމަށް އެއްބަސްވެވަޑައިގަތުމުންނެވެ.