ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ނުބާއްވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލަސްކުރަނީ ސީދާ ސަރުކާރުން އަންގައިގެން ގަސްތުގައި ކަމަށް ޔާމީންގެ ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަށް ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.
އެ މައްސަލަ ޔާމީންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުދާތީ އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލަ އަވަސް ކޮށްދިނުމަށް އެދި ޕީޕީއެމްގެ އިސްބޭފުޅުން އެކި މުއައްސަސާތަކަށް ވަޑައިގެންފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލުކުރުމަށް ފަހު ޕީޖީން އެދިގެން ވަނީ ކެންސަލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ޓީމުގައި ހިމެނޭ ޑރ. ޖަމީލް ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ނުފަށާ ލަސް ކުރަނީ ސީދާ ސަރުކާރުން އަންގައިގެން ޕީޖީން ކަމަށެވެ.
މިއީ ޔާމީންގެ އިސްތިއުނާފް މައްސަލަ ނިންމިޔަ ނުދޭން ކުރާ ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވީ ޕީޖީން ޔާމީން ގެއަށް ބަދަލުކޮށްދޭން ވެސް ބޭނުންނުވާ ކަމަށާއި މައްސަލަ އަވަހަށް ނިންމައިދޭން ވެސް ބޭނުން ނުވާ ކަމަށެވެ.
"ލަސް ނިޔާ އަކީ އަނިޔާއެއް. ކަނޑައެޅިގެން ސަރުކާރުގެ ރޭ ވުމުން. ކަނޑައެޅިގެން ރައީސް ޔާމީންގެ ޝަރީއަށް ލަސްކުރަމުން މިދަނީ. މީ ސީދާ ރައީސް ޞޯލިހު ނުފޫޒު ފޯރުވައިގެން ކުރާކަމެއް" ޖަމީލް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކުރި އިރު ވަކީލުންނަށް މީގެ ތިން ދުވަސް ކުރިން ނޯޓު ފޮނުވާފައިވާ ކަމަށާއި މިއަދު ޝަރީއަތް ކެންސަލް ކުރި އިރު ޕީޖީ އަށް ދުރާލާ އެކަން ކޯޓަށް އެންގުމުގެ ފުރުސަތު އޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ.
ހައިކޯޓުގައި މިއަދު މެންދުރުފަހު 2:00 ގައި ފެށުމަށް ހަމަޖެހިފައި އޮތް އިސްތިއުނާފް އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ.
މައްސަލަ ކެންސަލް ކުރީ ޕީޖީ އޮފީހުގެ ވަކީލުން ޓްރެއިނިންއެއްގައި މާލެއިން ބޭރުގައި އުޅޭތީ އެވެ.