ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ގެއެއްގައި ކަރަންޓު ރޭޓް ފްލެޓް ރޭޓަށް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނިންމަވައިފި އެވެ.

މާލޭގައި ހުންނަ އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގޭގެއަށް ވަޑައިގަތުމުން އަންނަ އެއް ޝަކުވާއަކީ ލިބޭ އާމްދަނީން ކުއްޔާއި ކަރަންޓު ބިލްތައް ދައްކާފައި ކެއުމުގެ ކަންކަން ހަމަނުޖެހޭ ވާހަކަ ކަމަށެވެ. އަދި ކަރަންޓު ބިލް ދެއްކުމުގައި ލުޔެއް ހޯދައި ދިނުމަށް ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނު އަރިހު އެދިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރު މި ހުންނަނީ ކަރަންޓު ރޭޓްގެ ވަކި ރޭޓްތަކެކެވެ. ވަކި ވަރަކަށް ވުރެ ގިނަ އިން ބޭނުންކޮށްފިއްޔާ އަގުބޮޑުވަމުންދާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ކަރަންޓު ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެން ނުދާނެ. ހަމަ އެއް ރޭޓަކުން މިއަދުން ފެށިގެން އެ ބަދަލު ގެނައީ،" ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ސޯލިހް ވަނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ 5،000ރ. ގެ ބަދަލުގައި 7،000ރ. ދިނުމަށް ނިންމަވައި ރަށުން ބޭރުގައި މަސައްކަތް ކުރާ ސުކޫލް ޕްރިންސިޕަލުންނަށް 7000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ނިންމަވައިފައެވެ. ރައީސް ވިދާޅުވީ ޕްރިންސިޕަލުންނަށް ދޭ އިނާޔަތް ބޮޑު ކުރީ ޕްރިންސިޕަލުންނަށް އެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ރަށުން ބޭރުގައި ތިބޭ ޕްރިންސިޕަލުންނަށް ދޭ އިނާޔަތަކީ އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ރޫރަލް ޕްލިސީގެ ދަށުންދޭ އިނާޔަތެކެވެ.