ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކުރުން ގާނޫނު އަސާސީއާ ޚިލާފް ނުވާ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ލާ މަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް ބުނެ ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހެޅީ ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ޑިމޮކްރަޓިކް ގައުމުތަކާ އެއް މިންވަރަށް ހަނިކުރެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި އަންހެނުންނަށް ގޮނޑި ޚާއްސަކުރީ އެގޮތަށް މަޖިލީހުން ފާސްކުރި ގާނޫނަކުން އަދި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި ކަމަށްވާތީ އެއީ ގާނޫނު އަސާސީން މަނާކުރާ ފަދަ ތަފާތު ކުރުމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަކޮށް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު އިއްވަނީ.

ހުކުމުގައިވަނީ ތަފާތު ކުރުމަކީ ގާނޫނު އަސާސީން މަނާ ކުރާ ކަމަށް ވިޔަސް، ވަކި ޚާއްސަ ހާލަތެއްގައި ތިބި ބަޔަކަށް ޚާއްސަ ރައްކާތެރިކަން ދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށެވެ. އަދި ގިންތީގެ ހަމަހަމަ ކަން ގެނައުމަށްޓަކައި ތަފާތު ކުރާ ކުރުން ނުވަތަ ވަކި ޚާއްސަ ރައްކާތެރިކަމެއް ދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށާއި އެގޮތަށް އެހެން ގައުމުތަކުގެ ކޯޓުތަކުން ވެސް ނިންމާފައި ހުރި ކަމަށް އެ ހުކުމުގައިވެ އެވެ. އަންހެނުންނަށް ގޮނޑި ޚާއްސަކުރާ ގޮތަށް ގާނޫނު އިސްލާހު ކުރީ ބުއްދީގެ ހަމައަކުން ގަބޫލު ކުރެވޭ އަދި މުހިންމު ސަބަބުތަކަށްޓަކައި ކަމަށާއި އެހެންވެ، އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ނޫން ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުންނެވެ.