ކ. ހިންމަފުށީ ކައިރީގައި އޮންނަ ފިނޮޅު ހަލާކުކޮށްލަން އުޅުމުގައި ހަރަކާތްތެރިވި ގިލިލަންކަންފުށީ ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ހިންމަފުށީގެ ހުޅަނގު ދެކުނުން އޮންނަ ފިނޮޅަށް ގިލިލަންކަންފުށި ރިސޯޓުން ގެއްލުންދިން މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފުލުހުން އަންނަނީ ބަލަމުންނެވެ.

ފުލުހުން މިއަދު ބުނީ ގިލިލަންކަންފުށީ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކުރުމުގެ އަމުރަކަށް އެދުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ އަމުރު ލިބުމާއެކު ކަމާ ގުޅުންހުރި މުއައްސަސާތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ އެ ދޮންވެލި ފިނޮޅު ހަލާކުރަން ގިލިލަންކަންފުށީ ރިސޯޓުގެ މުވައްޒަފުން ގޮވައިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ދިޔަ މައްސަލަ އާއްމުންގެ ބަޔަކު ވީޑިއޯ ނަގައި އެކަން އާއްމުކުރުމުންނެވެ.

ހިންމަފުށީ ކައުންސިލުން ބުނީ އެ ފިނޮޅަށް ގެއްލުން ދިނުމުގެ ގޮތުން ފިނޮޅުގެ އެއްކޮޅުން އަނެއްކޮޅަށްވާ ގޮތަށް ކޯރު ކަނޑާފައިވާ ކަމަށެވެ. އެގޮތަށް ކޮނެ ހެދުމުގެ ސަބަބުން ފިނޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ފުލުހުން ވަނީ އެ މައްސަލަ ރިޕޯޓްކުރުމުން އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވައިފަ އެވެ.

އީޕީއޭއިން ވެސް ވަނީ މި މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.