ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މި ސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓަށް ކުރިމަތިލާ ފަރާތުގެ ނަމުގައި މާލެއިން 400 އަކަފޫޓަށްވުރެ ބޮޑު ގޯތި ދޫކޮށްލާ ނަމަ އެމީހަކަށް ފްލެޓް ހިލޭ ލިބޭ ގޮތަށް އުސޫލު ކަނޑައަޅައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ރޭގެ ވަގުތެއްގައި ގެޒެޓް ކޮށްފައިވާ "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން، ފުލެޓު ލިބޭ ފަރާތުން މާލެ ސަރަހައްދުގައި އެ މީހާގެ އެކަނި ނަމުގައި އޮތް 400 އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާ ނަމަ ފްލެޓްގެ އަގު ދައްކާކަށް ނުޖެހޭނެ އެވެ.

އޭގެ އިތުރުން 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާ ނަމަ، އެ ބިންކޮޅުގެ އަގު ފްލެޓްގެ އަގުން އުނިކުރާނެ އެވެ. ފްލެޓް ލިބޭ ފަރާތުން ދޫކޮށްލާ ބިން ކޮޅު އަގު ކުރުމަށް ކަނޑައަޅާފައިވަނީ 3،500ރ. އަށް އަކަފޫޓެއްގެ އުސޫލުންނެވެ.

'ގެދޮރުވެރިޔާ' ސްކީމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ ޝަރުތުތައް:

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން
  • މާލޭގައި ރަށްވެއްސަކަށްވެފައިވާތާ 15 އަހަރު ވެފައިވުން ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން (ހަމައެކަނި މައި އެޕްލިކެންޓް)
  • އެޕްލިކަންޓާއި ކޯ-އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން
  • އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ މާލޭން (ޕްރައިވެޓް ރިއަލް އެސްޓޭޓް މާކެޓުން) 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ނުވަތަ ބިމެއް ގަނެފައިވާ، ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތެއް ކަމުގައި ނުވުން (އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓް)
  • މި އެޕްލިކޭޝަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، މާލޭގައި ދިރިއުޅުމަށް ހޯދައިފައިވާ 600 އަކަފޫޓުގެ ތަނެއް ނުވަތަ އެއަށް ވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން (އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓް)
  • މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000ރ. އަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން (މައި އެޕްލިކަންޓާއި ކޯ އެޕްލިކަންޓް ވަކިން)

ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ދެ ސްކީމަށް ޝަރުޠު ހަމަވި ނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ މީހަކު ޚިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށެވެ

ގެދޮރުވެރިޔާ ސްކީމުން ފްލެޓާއި ގޯއްޗަށް އެދި ފުރަތަމަ ބުރުގައި ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިލައި އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު ވަނީ ގޯތި ހަވާލުކޮށްފަ އެވެ. ގިރާވަރުފަޅުން މި ހަފުތާގައި ގޯތި ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ފުރަތަމަ ބުރުގައި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް ވެސް އޮތީ އިއުލާންކޮށްފަ އެވެ. ސަރުކާރުން ބުނެފައި ވަނީ ހުޅުމާލޭގައި އިމާރާރްކޮށްފައިވާ އެ ފްލެޓްތަކުގައި މި ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ.