ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ބެހޭ ގޮތުން އަންނަ މަހުގެ 29 ގައި ނެގުމަށް މަސައްކަތް ކުރާ ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެ ވޯޓްގެ ތަފްސީލްތައް ހިމެނޭ ކަރުދާހާ މެދު ބަހުސްކުރުމަށް މިއަދު ބާއްވަން އުޅުނު ޖަލްސާގެ ކޯރަމް ހަމަނުވާތީ ބޭއްވޭ ގޮތެއް ނުވި އެވެ.

އަންނަ މަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް، ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރުންގެ އިއްތިފާގުން މިދިޔަ ބުދަ ދުވަހު ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. އަދި އެކަން އީސީގެ ސަމާލު ކަމަށް މަޖިލިހުން ވަނީ ގެނެސްފަ އެވެ.

މިއާ އެކު، އީސީން ވަނީ ވޯޓު ނެގުމަށްޓަކައި ކުރަން ޖެހޭ ކަންކަން ފަށައިފަ އެވެ. އެފަދަ ވޯޓެއްގައި އަހާނެ ސުވާލު ސާފުކޮށްދިނުުމަށް މަޖިލީހުގެ އިދާރާގައި އީސީން ވަނީ އެދިފަ އެވެ.

މިއަދު ހެނދުނު 9 ޖެހި އިރު މަޖިލިހުގެ ޖަލްސާ ފަށަން އޮތް ނަމަވެސް، ޖަލްސާ ފެށީ 9:15 ހާއިރެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގެ ފަހު ހަފްތާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، މަޖިިލިހުގެ ޖަލްސާ އަށް ވަޑައިނުގެން، ކުޑަ ދޮށުގައި މެމްބަރުން ތިއްބެވުމަކީ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ވިދާޅުވުމަށް ފަހު ކުޑަ ވަގުތުކޮޅަކަށް ބެއްލެވުމަށް ފަހު ނަޝީދު ވަނީ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލެއްވިކަން އިއުލާން ކުރައްވައިފަ އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ނިޒާމީ ވޯޓް ނެގުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިތުރު މައުލޫމާތު ހޯދަން އެދުނު ސިޓީއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އެއީ ރިޔާސަތުން މަޖިލިހަށް ހުށަހެޅި ކަމެކެވެ.

ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް އެ ދެ ބޭފުޅުން ވަނީ ނިޒާމީ ވޯޓާ ގުޅޭ މަޝްވަރާތައް ކުރައްވާފަ އެވެ.