ތައިރޮއިޑަކީ ކަރުގެ އެތެރެއިން މަތީގައި ކޮކާލެއްގެ ބައްޓަމަށް ހުންނަ ގުނަވަނެކެވެ. ތައިރޮއިޑް ހޯމޯން އުފައްދައި، ލޭ ދައުރުވާ ނިޒާމަށް ފޮނުވައިދިނުމުގެ ޒިންމާ އަދާކުރަނީ މި ގުނަވަނެވެ. ހަގީގަތުގައި ތައިރޮއިޑް ހޯމޯނަކީ ސިކުނޑި، ޗިސްމޭ، މަސްތައް އަދި އެނޫންވެސް ހަށިގަނޑުގެ ބައެއް ބައިތައް ރަނގަޅަށް މަސައްކަތްކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ.

ހައިޕޯތައިރޮއިޑިޒަމް ދިމާވަނީ ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯމޯން އެކަށީގެންވާ މިންވަރަކަށް އުފައްދައި ނުދިނުމުންނެވެ. ރޭޑިއޭޝަން ފަރުވާ އާއި އޮޓޯއިމިއުން ބަލިތަކުގެ ސަބަބުން މިކަން މިގޮތަށް ދިމާވެ އެވެ.ވައިރަލް އިންފެކްޝަނެއް ނުވަތަ އައޮޑިން މަދުވުމުން ތައިރޮއިޑް ގްލޭންޑް އިންފްލޭމް ވެ އެވެ.

ހަށިގަނޑުން އެކަށީގެންވާ މިންވަރަށް އައޮޑީން އަމިއްލައަށް ނުފައްދާ ނަަމަ އަޔޮޑިން އިން މުއްސަނދިވެފައިވާ ކާނާ ކެއުމަށް ސަމާލުކަން ދޭން ޖެހެ އެވެ. މީގެ ތެރޭގައި ޔޯގަޓް، އަލުވި، ސްޓްރޯބެރީ އަދި ކްރޭންބެރީ ހިމެނެ އެވެ.އެކަށީގެންވާ ވަގުތު އޮއްވައި ހައިޕޯތައިރޮއިޑީޒަމް އަށް ބޭސް ނުކުރެވިއްޖެނަމަ ފުރާނައަށް ނުރައްކާ ވާ ފަދަ ސިއްހީ މައްސަލައެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ތެރޭގައި ކޯމާއަށް ދިއުން، ޑިޕްރެޝަން އަދި ހިތް ފެއިލްވުން ހިމެނެ އެވެ. ނަމަވެސް ވަރަށް އާދައިގެ ލޭގެ ޓެސްޓަކުން ވެސް މި ބަލި ދުރާލައި ދެނެގަނެވި ބޭސް ބޭނުންކުރަން ފެށިއްޖެ ނަމަ މި ބަލި ފުދޭވަރަކަށް ކޮންޓްރޯލް ކުރެވެ އެވެ.ބަލި ޖެހިފައިވާކަން ދެނެގަތުމަށްޓަކައި ބަލީގެ ނިޝާންތައް އެނގުން މުހިއްމެވެ

.ހައިޕޮތައިރޮއިޑިޒަމްގެ ނިޝާންތަކުގެ ތެރޭގައި އިސްތަށި ހިކިކޮށް ހުރުން، ހަނދާން ބަލިވުން، ބަނޑުހިކުން، ދޮންފޫޑުވެ ހަންގަނޑު ރާޅުވުން، އަވަހަށް ސިނގުރުޅި އައުން، ޑިޕްރެޝަން، ފިންޏަށް ބަލިވުން، އަކުނިވަޔަށް ދެމުމާއި މަސްތަކުގައި ރިއްސުން، ގަވާއިދުން މައްސަރު ކަންތައް ނުޖެހުން އަދި ވަރުބަލިވެ ގައިގެ ހަކަތަ ނެތުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ނަމަވެސް ހައިޕޮތައިރޮއިޑިޒަމް ހުންނަ އެންމެންނަށް ފެންނާނީ އެއް ކަހަލަ އަލާމާތްތަކެއް ނޫނެވެ. މަތީގައި ބުނެފައިވާ އަލާމަތްތަކުގެ ތެރެއިން ބައެއް އަލާމާތްތައް އެއްފަހަރާ ވެސް ފެނިދާނެ އެވެ. ނަމަވެސް މިއިން އެއްވެސް އަލާމާތެއް ނުފެނިވެސް ހުރެދާނެ އެވެ. ނަމަވެސް ހަށިގަނޑަށް ބުނަން ނޭނގޭ ކަހަލަ ބަދަލުތަކެއް އަންނަމުންދާ ނަަމަ ޑޮކްޓަރަކަށް ދައްކައިގެން ޓެސްޓްކޮށްލުން ރަނގަޅެވެ.