ކާމިޔާބު ހިންދީ ފިލްމު ފްރެންޗައިޒް "އާޝިގީ"ގެ ތިންވަނަ ފިލްމުގެ ބަތަލުންގެ ގޮތުގައި އަރަމުން އަންނަ ތަރި ކާތިކް އާރްޔަންއާއި ތާރާ ސުތާރިއާ ހަމަޖެހިއްޖެ އެވެ.

އަނޫރާގް ބާސޫ ޑައިރެކްޓްކުރާ އާޝިގީ 3ގެ ޝޫޓިންގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށޭނެ ކަމަށް ބެލެވޭއިރު ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ފިލްމު އުފައްދާ ޓީ ސީރީޒްއިން ބުނެފައިވެ އެވެ.

އާޝިގީއަކީ އަނޫރާގް އާއްމުކޮށް ޑައިރެކްޓްކުރާ ފިލްމުތަކާ ތަފާތު ވައްތަރެއްގެ ފިލްމަކަށްވާއިރު އެ ފިލްމު ޑައިރެކްޓްކުރަން އަނޫރާގް ހަމަޖެހުމުން ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އާޝިގީގެ ފިލްމުތަކުގެ ލަވަތަކަކީ ގިނަ ބައެއްގެ މަގުބޫލުަކަން ހޯދާ ލަވަތަކަކަށް ވާއިރު މިފަހަރުގެ ފިލްމުގެ ލަވަތަކަކީ ވެސް އެފަދަ ކާމިޔާބު ލަވަތަކަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޓީސީރިޒްގެ ބުޝަން ކުމާރު ބުންޏެވެ.

އަދިތްޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރު ފެނިގެންދިޔަ އާޝިގީގެ ފުރަތަމަ ރީބޫޓް ފިލްމަކީ މިއަދާ ހަމައަށް ވެސް ގިނަ ބަޔަކަށް ކަމުދާ ފިލްމެކެވެ.

އޭގެ ކުރިން 1990ގެ އަހަރުތަކުގެ ތެރޭގައި ރާހުލް ރޯއީއާއި އަނޫ އަގަރްވާލް ފެނިގެންދިޔަ އެ ފްރެންޗައިޒުގެ އެންމެ ފުރަތަމަ ފިލްމަށްވެސް ރިނަ ބައެއްގެ ތަރުހީބު ލިބުނެވެ.