ރާއްޖޭގެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަރޓެއިންމެންޓް މި އަހަރާއި އަންނަ އަހަރު ރިލީޒްކުރަން ތައްޔާރުވެފައިވާ ފިލްމުތައް ހާމަކޮށްފި އެވެ.
ޑާކްރެއިން ބުނީ މިއަހަރާއި އަންނަ އަހަރު އޮލިމްޕަހުގައި ރިލީޒްކުރަން ތައްޔާރުވެފައިވާ ފިލްމުތަކަކީ ނޮވެމްބަރ، ފުރޭތަ، ބަޅިނދު، އަދި މީ އިޝްގު އެވެ.
ނޮވެމްބަރ
ޑާކް ރެއިން ބުނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަހުގައި "ނޮވެމްބަރ" ރިލީޒް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ނޮވެމްބަރު" އަކީ ޑާކް ރެއިނުން މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން ހެދި ފިލްމު ވެސް މެ އެވެ. ސިންގަޕޫރާއި އައްޑު އާއި ލ. އަތޮޅުގެ އިތުރުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަންޒަރުތަކެއް ނަގާފައިވާ އަދި ބޮޑު ކާސްޓެއް ފެންނާނެ މި ފިލްމަށް ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
"ނޮވެމްބަރު" ގެ ލީޑުން ފެންނާނީ ޖުމަލް އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ދެ ތަރިންގެ ކެމިސްޓްރީ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "އެންމެ ފަހު ވިންދާ ޖެހެންދެން"، "ވާށޭ މަށާއެކީ" އަދި "ވަކިން ލޯބިން" ހިމެނެ އެވެ.
"ނޮވެމްބަރު" ގެ ވަރަށް ހާއްސަ ރޯލަކުން ސިންގަޕޫރުގައި ދިރިއުޅޭ ރާއްޖޭގެ ކުރީގެ ތަރި އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުމަކުން މަޝްހޫރު ޕްރެޒެންޓަރު މުސާ ވަސީމާއި މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާނު ވެސް ފެނިގެންދާނެ އެވެ.
މި ފިލްމަކީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ފުރޭތަ
ޑާކް ރެއިން ބުނީ މިހާރު "ފުރޭތަ" އޮލިމްޕަހުގައި ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހު ކަމަށެވެ. ކުރިން މިފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެތާރީހުގައި މިހާރު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ނިންމާފައިވަނީ ޑާކް ރެއިންގެ "ނޮވެމްބަރ" އެވެ.
މި މި ފިލްމަކީ އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ޗިއްޕެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ މާޗްގައި މީޑިއާ ނެޓުން ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.
"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.
ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ.
ޑާކް ރެއިނުން "ފުރޭތަ" ގެ މަސައްކަތްކުރާތާ ދުވަސްކޮޅެއްވެފައިވާ އިރު، މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މީހާތަނަށް ހާމަކޮށްފައެއް އެވެ.
ބަޅިނދު
އަންނަ އަހަރު ރިލީޒް ކުރަން ނިންމާފައިވާ ފިލްމް "ބަޅިނދު" އަކީ ހަގީގީ ހާދިސާތަކެއް ހިމަނައިގެން ހޫދު އިބްރާހީމް ލިޔެފައިވާ ސްކްރީން ޕްލޭއަކަށް ހަދާ ފިލްމެކެވެ.
"ބަޅިނދު" ގައި މުހިންމު ރޯލުތަކުން ފެނިގެން ދަނީ އާމިނަތު ރަޝްފާ (އާޝާ)، ނުޒުހަތު ޝުއައިބު، އައިޝާ އަލީ، ހުނައިޝާ އާދަމް، މަރިޔަމް މަޖުދާ، އަލީ އާޒިމް (ދޮން އައްޔަ)، ޝަރަފް އަބްދުﷲ ގެ އިތުރުން އިސްމާއިލް ޖުމައިހު އެވެ.
މީގެ ތިން އަހަރު ކުރިން މަސައްކަތް ފެށި މިފިލްމަކީ އަހުމަދު ޝިނާން ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. މިއީ ޝިނާންގެ ތިން ވަނަ ޑައިރެކްޝަނެވެ. އޭނާ ކުރިން ޑައިރެކްޓު ކުރި "4426" އަދި "ގޮށްރާޅު" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ.
މީއިޝްޤު
ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ވެބް ސީރީޒްތަކާއި ލަވަތަކެއް ޑައިރެކްޓް ކޮށްފައިވާ އަޒްހާން އިބްރާހިމް ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމަކީ އަސަރު ގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މިފިލްމުގެ ޓީޒާ ބެލުންތެރިނަށް ދޫކޮށްލާފައިވާއިރު މިފިލްމު އޮލިމްޕަހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.
"މީ އިޝްގު" ގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ދިވެހި ސިނަމާގައި މިހާރު ކުރިއަރަމުން އަންނަ ދެ ތަރިން ކަމަށްވާ ޝަރަފު އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ.
މިފިލްމް ޝޫޓުކޮށްފައިވަނީ ކ.މާފުށީގައާއި މާލޭގަ އެވެ.
މީގެ އިތުރުން ޑާކްރެއިން ބުނީ އަންނަ އަހަރު ހަ ފިލްމެއްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރު އަންނަނީ ޕޕްރީ ޕްރަޑކްޝަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑާކް ރެއިން ބުނެ އެވެ. އެފިލްމުތަކަކީ އަވާ، ވާރޭ، ލޭ، ލައިފް ސަޅި، ފެށުމާއި ނިމުން، އަލިފާން އެވެ.
ޑާކް ރެއިންއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ އެވެ. އެ ސްޓޫޑިއޯގެ ފިލްމުތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އޮވެއެވެ.