އިޒްރޭލުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ވެރިރަށް ތެލް އަވީވްގައި ބާއްވަން އުޅުނު، ލަވަކިޔުންތެރިޔާ ބްރޫނޯ މާސްގެ ކޮންސެޓް ފަހު ވަގުތު ކެންސަލް ކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތެލް އަވީވްގައި ބާއްވަން ހަމަޖެހިފައި އޮތް އެ ޝޯ މުއްދަތެއް ނެތް ގޮތަށް ކެންސަލް ކޮށްފައިވަނީ ޝޯގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަނިކޮށް އެގައުމުގައި ހަނގުރާމައިގެ ހާލަތު އިއުލާން ކުރުމުންނެވެ.
ކޮންސެޓް އިންތިޒާމުކުރާ ފަރާތުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެގައުމުގެ އެތައްހާސް ބަޔަކު ނުރައްކަލަށް ހުށައެޅިފައިވާ މި ދަނޑިވަޅުގައި ކޮންސެޓް ކުރިއަށް ގެންދިއުމަކީ މުނާސަބު ކަމެއް ނޫން ކަމަށެވެ.
ހޮނިހިރު ދުވަހުގެ ޝޯގެ ކުރިނަް ވެސް ބްރޫނޯ ވަނީ އިޒްރޭލުގައި މިދިޔަ ބުދަ ދުވަހު ޝޯއެއް ދީފަ އެވެ. އެ ޝޯ ބަލަން ގިނަ ބަޔަކު ގޮސްފައި ވެސްވެ އެވެ.
ހޮނިހިރު ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ރޮކެޓް ހަމަލާތަކުގައި 70 މީހުން މަރުވިއިރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވަގުތުން ހަނގުރާމައިގެ ހާލަތު އިއުލާން ކޮށްފަ އެވެ.