ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އެޖެންޑާ ކުރި ނަމަވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ޖަލްސާއެއް ފެށޭނީ މަދުވެގެން 22 މެމްބަރުން ތިއްބަވާ ނަމަ އެވެ. އެކަމަކު، މިއަދު ހެނދުނު މަޖިލިސް ޖަލްސާ ފަށަން ބެލި އިރު، އެ އަދަދަށް މެމްބަރުން ނެތެވެ.

އެހެންވެ، މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މިއަދުގެ ޖަލްސާ ބޭއްވެން ނެތް ކަމަށް އިއުލާނު ކުރައްވައިފަ އެވެ.

ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ދެ ސަފީރަކަށް ރުހުން ދިނުމާއި ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖޭއެސްސީން ފޮނުވާފައިވާ މައްސަލައެއްގެ އިތުރުން ދިގުލައިގެން ގޮސްފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމުގެ ބިލުގެ އިތުރުން ނުނިމި އޮތް ހަތަރު ގަރާރެއްގެ ބަހުސް ހިމެނެ އެވެ.

ފަހަކަށް އައިސް މަޖިލިހުގައި ކޯރަމްގެ މައްސަލަތައް އާދަޔާ ހިލާފަށް ވަނީ ގިނަވެފަ އެވެ.

މިއަދުގެ ޖަލްސާ ނިންމާލި އިރު، މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކި ކުރަން އެމްޑީޕީން އަލުން ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުގައި އެމްޑީޕީގެ 55 މެމްބަރުން ތިއްބަވާ އިރު، މަޖިލިހުގެ ރައީސްކަމުގެ ނަޝީދު ދުރުކުރުމުގެ ލިޔުމުގައި އެ ޕާޓީގެ 48 މެމްބަރަކު ސޮއިކުރެއްވި އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން 45 މެމްބަރުންގެ ސޮއި ބޭނުންވެ އެވެ.