ބަރުދަން ލުއިކުރަން ބޭނުންކުރާ ތަފާތު އެކި ބޭސްތައް ޑޮކްޓަރުގެ ބޭސް ސިޓީއަކާ ނުލާ ވެސް ބޭސް ފިހާރަތަކުން ލިބެން ހުރެ އެވެ. މިފަދަ ބޭސްތަކަކީ އޭގެ ނޭދެވޭ އަސަރުތައް ވެސް ގިނަ ބޭސްތަކެކެވެ.

ދާދި ފަހުން ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ބަރުދަން ލުއިކުރަން ބޭނުންކުރާ ބޭހެއް ކަމަށްވާ "އޮޒެމްޕިކް" ފަދަ ބޭސްތަކުން ގޮހޮރުގެ މައްސަލަތަކަށް މަގުފަހިވެ އެވެ.

އެގޮތުން އެ ބޭސްތަކަކީ ވަރަށް ބާރުގަދަ ބޭސްތަކެއް ކަމަށާއި ގަވާއިދުން އެ ބޭނުން ކުރާނަމަ ގޮހޮރު ފޫދިއުމާއި ވާގިނެތުން ފަދަ ކަންކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެހެން ކަމުން މިފަދަ ބޭސްތައް ގަވާއިދުން ބޭނުން ކުރުމަކީ ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތަށް ބުރޫ އަރައި މީހާގެ އާއްމު ސިއްހަތު ވެސް ނުރައްކަލަށް ހުށައަޅާ ކަމެއް ކަމެކެވެ.

މީގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ކަސްރަތާއި ރަނގަޅު ކާނާ ބޭނުންކޮށްގެން ގުދުރަތީ ގޮތުން ބަރުދަން ލުއި ކުރުމެވެ. ނުރައްކާތެރި "ސައިޑް އެފެކްޓްސް"ތަކުން ދުރުވާނީ އެގޮތުންނެވެ.