ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ސަސްޕެންޑު ކޮށްފި އެވެ.

މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ޒިޔާ ވިދާޅުވީ އޭނާ ސަސްޕެންޑުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ހާމައެއް ނުކުރިއެވެ.

ސާޖެންޓް އެޓް އާމްސް ސަސްޕެންޑުކޮށްފައި ވަނީ މައްސަލަ ބަލައި ނިމެންދެން ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ހަލީމް ފުރަތަމަ އައްޔަންކުރެއްވީ 31 އޮކްޓޫބަރު 2013ގައެވެ.

ސާޖެންޓް އެޓް އާމްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކޮށް މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތެވެ.