ކުއްލިއަކަށް ޖެހޭ ސްޓްރޯކްތަކުގައި ދުނިޔެ ދޫކުރާ މީހުންގެ އަދަދު 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދެގުނަ އިތުރުވާނެ ކަމަށް އިންޒާރުދީފި އެވެ.
ވޯލްޑް ސްޓްރޯކް އޯގަނައިޒޭޝަންއިން ހެދި ދިރާސާއަކަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ސްޓްރޯކް ޖެހުމުން ދުރުވުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅިއްޖެނަމަ ކުރިއަށް އޮތް 30 އަހަރު ތެރޭގައި އެކަމުގައި މަރުވާ މީހުންގެ ނިސްބަތް 50 ޕަސެންޓް އިތުރުވާނެ ކަމަށެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސްޓްރޯކްއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބެވެ. ސްޓްރޯކް ޖެހިގެން 2020 ވަނަ އަހަރު 6.6 މިލިއަން މީހުން މަރުވި އިރު އެ އަދަދު 2050 އާ ހަމައަށް 10 މިލިއަނަށް އަރާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.
އާއްމު ގޮތެއްގައި ސްޓްރޯކްއަކީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމުން ދިމާވާ ހާލަތެކެވެ. މިއީ އަވަހަށް ފަރުވާ ނުލިބިއްޖެނަމަ ފުރާނައަށް ނުރައްކާވާ ކަމެކެވެ. އަދި ފަރުވާ ލިބުނު ނަމަވެސް ގިނަފަހަރަށް ދިގު މުއްދަތަށް ދެމިގެންދާ ގެއްލުންތައް ހަށިގަނޑަށް ލިއްބައިދޭ ކަމެއްވެސްމެ އެވެ.
އެ ރިޕޯޓުގައި ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮތް މީހުންނާއި އެކަމުން ދުރުވުމަށް އެޅޭނެ ފިޔަވަޅުތަކަށް އަލިއަޅުވާލާފައިވެ އެވެ. އެގޮތުން ހަކުރު ބަލިފަދަ ދާއިމީ ބަލިތަކުގެ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކަޅު ނަސްލުގެ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ހަމައެއާއެކު ސްޓްރޯކްއިން ދުރުވުމަށް ކުރެވޭނެ އެންމެ އެދެވޭ ކަމަކީ ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅުން ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ. އެގޮތުން ގަވާއިދުން ކަސްރަތު ކުރުމާއި ކެއިންބުއިމުގައި ރަނގަޅު އާދަތައް ގެންގުޅުމަށް ދިރާސާވެރިން ބާރުއަޅުއްވާފައިވެ އެވެ.
ސްޓްރޯކްއަކީ ރާއްޖޭގައި ވެސް ވަރަށް އާއްމުވަމުން އަންނަ ކަމެކެވެ. އެ ބަލީގައި އެތައް އާއިލާއެއްގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާފައިވާއިރު އެފަދަ ކަމަކުން ރައްކާތެރި ވުމަށްޓަކައި ދުރާލާ ރަނގަޅު އާދަތަކުގައި ހިފުން ބުއްދިވެރި އެވެ.