ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރަތަމަ ފިޔަވަހީގައި ގޯތި ނުލިބުނު މީހުންނަށް ދެ ވަނަ ފިޔަވަހީގައި ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މި ބުރުގައި މާލެ ސަރަހައްދުން 4،000 ގޯއްޗާއި 6،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފުރަތަމަ ފިޔަވަހީގައި ޝަރުތު ހަމަވެ ގޯތި ނުލިބޭ މީހުންނަށް ދެ ވަނަ ފިޔަވަހީގައި ޖޮއިންޓް އެޕްލިކޭޝަނެއްގައި ބައިވެރިވާން ބޭނުންވާ ނަމަ، އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އެގޮތަށް އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ބިންވެރިޔާ ސްކީމަށް ކުރިން ހުށަހެޅި ފޯމު ބާތިލުކޮށްދިނުމަށް އެދި [email protected] އަށް އީމެއިލް ކުރަން ޖެހޭނެ ކަމަށްވެސް އެއިއުލާނުގައި ވަނީ ބުނެފަ އެވެ.

ދެވަނަ ފިޔަވަހީގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މި މަހުގެ 24އަށް ހަމަވާނެ އެވެ.

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ނިންމާފައިވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވާ އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފުރަތަމަ ބުރުގައި ޝަރުތު ހަމަވި މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. އެ ބުރުގެ ދަށުން 6،500އަށް ވުރެ ގިނަ ގޯތި ދެ އެވެ.

ފުރަތަމަ ބުރުގައި ގޯތި ލިބުނު މީހުންގެ ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ. ނަމަވެސް، 'ބިންވެރިޔާ' ސްކީމްގެ ދެ ވަނަ ފިޔަވައްސާ ގުޅޭ ގޮތުން އެ މަނިކުފާނު ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.