ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ޚިދުމަތް ދިނުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ޑިރެކްޓަރ ފަރީދާ ޔޫސުފް ވިދާޅުވީ އެތަނުގެ މުވައްޒަފަކު ޕޮޒިޓިވްވިކަން އެނގިފައިވަނީ މިއަދު މެންދުރު 12:30 ހާއިރު ކަމަށެވެ. އަދި މުވައްޒަފު ޕޮޒިޓިވްވުމާއެކު މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ފަށާފައިވާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ޑީއެންއާރުގެ ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން މެދުކަނޑާލި އިރު އެތަނުން ހިދުމަތް ހޯދަން ގިނަ އަދަދެއްގެ ބަޔަކު ގޮސް މަޑުކޮށްގެން ތިއްބެވެ.
ޑީއެންއާރުން ހިދުމަތްތަކަށް ނަންބަރުތައް ދޫކުރަނީ މެންދުރު ފަހު 1:30ގެ ނިޔަލަށެވެ.
ޑީއެންއާރުން ބުނީ މުވައްޒަފު ޕޮޒިޓިވްވި ނަމަވެސް ނަންބަރު ދޫކުރުން ހުއްޓާލުމާއި ހަމައަށް ނަންބަރު ނަގައިގެން ތިބި ފަރާތްތަކަށް ހިދުމަތް ދޭނެ ކަމަށެވެ އަދި ހުރިހާ ކަމެެއްވެސް ކުރަމުން ގެންދަނީ އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު މިދިޔަ އޯގަސްޓް މަހު ތެރޭގައިވަނީ އައިޑީކާޑު ހެއްދުމާއި އައުކޮށްދިނުމުގެ ޚިދުމަތަށް އޮންލައިންކޮށް ހުށައެޅޭނެ ގޮތްވަނީ ހަމަޖައްސާފަ އެވެ. މިގޮތުން އައި.ޑީ ކާޑު ހެދުމަށް އެދޭ ފަރާތްތަކުގެ ފަސޭހަ އާއި ރައްކާތެރިކަމަށްޓަކައި އައިޑީ ކާޑު ހެއްދުމަށް އެދި އެ އިދާރާގެ ވެބްސައިޓު (www.dnr.gov.mv) އިން ހުށަހެޅެ އެވެ. އަދި އައިޑީ ކާޑު ހެއްދުމަށް އެދޭ ފަރާތްތަކަށް ކާޑު ބަލައި އައުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މައުލޫމާތު ޚިދުމަތަށް އެދޭ އިރު ހުށަހަޅާފައިވާ ފޯނު ނަންބަރަށް ފޮނުވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.
އައިޑީކާޑް ޔުނިޓަށް މިހާރު ދާންޖެހެނީ ހަމައެކަނި ކާޑު ހެދުމުން ކާޑާ ހަވާލުވުމަށެވެ. ކާޑުގެ ވެރިފަރާތަށް ނުދެވޭނަމަ ފޯމު ހުށަހަޅާއިރު، ކާޑު ޙަވާލުކުރާނެ ފަރާތެއްގެ މައުލޫމާތާއި ސަބަބު ބަޔާންކޮށް، ވެރިފަރާތުގެ ސިޓީއެއް ފޮނުވުމުން ކާޑު ހަވާލުކުރާނެ ކަމަށް ޑީއެންއާރުން ބުނެފައިވެ އެވެ.