ސިއްހީ ހާލަތު ގޯސްވެފައިވާ މަންމައާއެކު ގިނަ ވަގުތު ހޭދަކުރުމަށް ބޮލީވުޑްގެ މަގުބޫލު ތަރި އާމިރު ޚާން އިންޑިއާގެ ޗެންނާއީއަށް ބަދަލުވެއްޖެ ކަމަށް ހަބަރުތައް ބުނެފި އެވެ.

އާމިރުގެ މަންމަ ޒީނަތު ހުސައިންގެ ސިއްހީ ހާލު ގޯސްވެ ޗެންނާއީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެހެން ކަމުން މަންމައާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރަން އާމިރުގެ ހުރިހާ މަސައްކަތެއް މެދުކަނޑާލައި ޗެންނާއީއަށް ބަދަލުވާން ނިންމީ ކަމަށް ވެސް ބުނެވެ އެވެ.

މި ހަބަރުތައް އައިސްފައި މިވަނީ މީގެ ދުވަސްތަކެއް ކުރިން އޭނާގެ އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށް އާމިރު ބުނެފައި ވަނިކޮށެވެ.

މިއަހަރު ކުރީކޮޅު އާމިރު ވަނީ އޭނާގެ އާއިލާއާއެކު ޒީނަތުގެ 89 ވަނަ އުފަން ދުވަސް ފާހަގަކޮށްފަ އެވެ. އެ ހަފްލާގައި އާމިރުގެ އާއިލާގެ އިތުރުން ކުރީގެ އަންހެނުން ކިރަން ރާއޯ ވެސް ފެނިގެންދިޔަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އާމިރު ވަނީ ދާދި ފަހުން އޭނާގެ ކުރިއަށް އޮތް ފިލްމު "ސިތާރޭ ޒަމީން ޕަރް" އިއުލާން ކޮށްފަ އެވެ. މިއީ 2009 ވަނަ އަހަރު ނުކުތް "ތާރޭ ޒަމީން ޕަރް" ފަދަ ފިލްމަކަށް ވާނެ އެވެ.