ބޮލީވުޑްގެ ފިލްމުތަކާއި އިންޑިއާގެ ޓީވީ ސީރީޒްތަކުގައި ޕާކިސްތާނުގެ އެކްޓަރުންނަށް މަސައްކަތް ނުކުރެވޭ ގޮތް ހަދައިދިނުމަށް މުމްބާއީގެ ހައި ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
އިންޑިއާގެ ޖަމާއަތަކުން ކޯޓަށް ހުށައެޅި ޕެޓިޝަންގައި އެދިފައިވަނީ އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ އެއްވެސް ކަމެއްގައި ޕާކިސްތާނުގެ އެއްވެސް ރައްޔިތަކަށް މަސައްކަތް ނުކުރެވޭ ގޮތް ހެދުމަށެވެ.
ސަބަބެއްގެ ގޮތުގައި އެ ޕެޓިޝަންގައި ބުނެފައިވަނީ ބޮލީވުޑްގައި ޕާކިސްތާން އާޓިސްޓުން ގިނަވަމުން ދާތީ އަރަމުން އަންނަ އިންޑިއާގެ އާޓިސްޓުންނަށް ފުރުސަތު ކުޑަވާ ކަމަށެވެ.
އެހެން ނަމަވެސް އެ ޕެޓިޝަން ބާތިލް ކުރަމުން ހައިކޯޓުގެ ގާޟީ ވިދާޅުވީ އެ ޕެޓިޝަނަކީ އެއްވެސް އަސާސެއް ނެތް ޕެޓިޝަނެއް ކަމަށެވެ.
އެއާއެކު އެ ޕެޓިޝަންގައި ސަގާފީ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ދެކޮޅު ހަދާފައިވާ ކަމަށާއި އެއީ އިންޑިއާއިން އެއްބާރުލުން ދޭ ކަމެއް ނޫން ކަމަށް ވެސް ގާޟީ ވިދާޅުވި އެވެ.
ކޯޓުގެ މި ހުކުމާއެކު ޕާކިސްތާނުގެ އެކްޓަރުންނާއި ޑައިރެކްޓަރުންނަށް ވެސް އެއްވެސް ހުރަހެއް ނެތި ބޮލީވުޑްއާއި ހިންދީ ސީރީޒްތަކުގައި މަސައްކަތް ކުރެވޭނެ އެވެ.