ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމުން މިދިޔަ މެއި މަހު އިސްތިއުފާ ދެއްވި ޔަޒްމީދު މުހައްމަދު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އައްޔަން ކޮށްފި އެވެ.
ޕެންޝަން އޮފީހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އެ އޮފީހުގެ ސީއީއޯގެ މަގާމުގެ ފަސް އަހަރުގެ ދައުރުގެ މަސައްކަތްތަކާ ޔަޒްމީދު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
އޭނާ އަކީ މީރާގެ ކުރީގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސްއޭޝަން ޔަޒީދު މުހައްމަދުގެ ކޮއްކޮ އެވެ. ޔަޒީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އެމްއެމްޕީއާރުސީ މެދުވެރިކޮށް އެތައް ބިލިއަން ރުފިޔާގެ ވައްކަން ކުރިއިރު ނޭނގޭ ކަމަށް ހަދައިފަ އެވެ.
ގއ. ވިލިނގިއްޔަށް އުފަން ޔަޒްމީދަކީ ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި މެންބަރުގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނެވި ބޭފުޅެކެވެ. މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ ހުންނެވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އޭގެ އިތުރުން، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި އޭނާ ވަނީ ވިލިނގިލި ދާއިރާއަށް ވާދަކުރައްވައިފަ އެވެ.
ޕެންޝަން އޮފީހުން ފާހަގަކުރި ގޮތުގައި ޔަޒްމީދަކީ ފައިނޭންސް، ގަވަނަންސް އަދި ޕަބްލިކް ސެކްޓާގެ ފުޅާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ހާއްސަކޮށް ގަވަނަންސް، އޮޑިޓިން، އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް މެނޭޖުމެންޓް، ސްޓްރެޓެޖިކް މެނޭޖުމެންޓް އަދި އިންވެސްޓުމެންޓުގެ ދާއިރާއިން އޭނާގެ ހިދުމަތްތައް ފާހަގަކޮށްފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަން ވެސް ކުރެއްވި ޔަޒްމީދަކީ އޭސީސީއޭ ސެޓިފައިޑް ޗާޓާޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވައި، އިނގިރޭސިވިލާތުގެ އޮކްސްފޯޑު ބްރޫކްސް ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން ފަސްޓް ކްލާސް އޮނާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
ޕެންޝަން އޮފީހުން ބުނީ އުއްމީދަކީ ޔަޒްމީދުގެ ލީޑާޝިޕްގެ ދަށުން ރާއްޖޭގެ ޕެންޝަން ސިސްޓަމް އިތުރަށް ހަރުދަނާވެ، އޮފީހުގެ ހިދުމަތްތައް އިތުރަށް ފުޅާވެގެން ދިއުން ކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީގައި 386 ސިޔާސީ މުވައްޒަފުން
ގާޒީ އިހްސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
