1998 ވަނަ އަހަރު ރިލީޒް ކުރެވުނު ބޮލީވުޑް ފިލްމު "ކުޗް ކުޗް ހޯތާހޭ" މިއަދާ ހަމައަށް ވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފިލްމެކެވެ.

ޝާހްރުކް ޚާންއާއި ކާޖޮލްގެ އިތުރުން ރާނީ މުކަރްޖީ މުހިއްމު ރޯލުތަކުން ފެނިގެންދިޔަ އެ ފިލްމަށް މިހާރުވެސް ލިބެމުން އަންނަ ތަރުހީބާއެކު އެ ފިލްމުގެ ދެވަނަ ބައެއްގެ ޚިޔާލު ޕްރޮޑިއުސަރުން ގެންގުޅޭ ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން އެ ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ހަބަރުތައް ބުނާއިރު ފިލްމުގައި ފެންނާނެ ތަރިންނާ ބެހޭ ގޮތުން ވެސް ދަނީ އަޑުތައް ފެތުރެމުންނެވެ.

އެގޮތުން "ކުޗް ކުޗް ހޯތާހޭ 2"ގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ރަންވީރު ސިންހްއާއި އާލިއާ ބަޓް ކަމަށް އެ ރިޕޯޓްތައް ބުނެ އެވެ. އެއާއެކު ސަޕޯޓިން ރޯލަކުން ޖާންވީ ކަޕޫރުވެސް ފެނުން އެކަށީގެންވާ ކަމަށް ބުނެވެ އެވެ.

ރަންވީރާއި އާލިއާ ވަނީ މިފަހުން ނެރުނު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އިން ވެސް އެކުގައި ފެނިގެން ގޮސްފަ އެވެ. އެ ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ "ކުޗް ކުޗް ހޯތާހޭ" ވެސް އުފެއްދި ދަރްމާ ޕްރޮޑަކްޝަންސް އިންނެވެ.

މި މަހުގެ 16 ވަނަ ދުވަހަށް "ކުޗް ކުޗް ހޯތާހޭ" ރިލީޒްކުރިތާ 25 އަހަރު ފުރިފައިވާއިރު އެ ކަމުގެ މުނާސަބަތުގައި ބޭއްވި ފިލްމުގެ ހާއްސަ ޝޯއެއްގައި ޝާހުއާއި ރާނީގެ އިތުރުން ޑައިރެކްޓަރު ކަރަން ޖޯހަރު ވެސް ބައިވެރިވި އެވެ.