ހުޅުމާލޭ މިސްކިތެއްގައި ނަމާދަށް ހުރި ދިވެއްސަކަށް ހަމަލާދިން އިންޑިއާގެ މީހާ ޑީޕޯޓްކޮށްލަން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދުމުން އޭނާ ޑީޕޯޓްކޮށްލަން މިހާރު ނިންމާފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ އެ ސަރައްދުގައި ހުރި މީހަކު ބުނީ މަސްޖިދު އަޒީޒާ މޫސާގައި އަސުރު ނަމާދުގެ ޖަމާއަތް ނިމުނުތަނާ އިންޑިއާ މީހާކު ކުއްލިއަކަށް މިސްކިތަށް އަރައި، އެވަގުތު ނަމާދަށް ހުރި ދުވަސްވީ މީހެއްގެ ކަރުގައި ހިފީ ކަމަށެވެ. އަދި އެވަގުތު މިސްކިތުގައި ތިބި މީހުން އޭނާ ހުއްޓުވި ކަމަށް ވެސް އެ މީހާ ބުންޏެވެ.
މިސްކިތުގައި ނަމާދަށް ހުރި މީހާއަށް ހަމަލާދިނުމުން އެ މީހާ ވަގުތުން މިސްކިތުން ނެރުނު ކަމަށްވެ އެވެ. އަދި އެއީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހެއް ކަމަށް ވެސް އެތަނުގައި ތިބި މީހުން ބުންޏެވެ.
މިސްކިތުގައި ނަމާދަށް ހުރި މީހާއަށް ހަމަލާދިނީ ކޮން ސަބަބާހެދި ކަމެއް ސާފުވާ ގޮތެއްނުވި އެވެ. އެ ހަމަލާ ދިނުމުން އެ އިންޑިއާ މިހާ ހިފަހައްޓައި ފުލުހުންނާ ވަނީ ހަވާލުކުރީ އެވެ.