މިސަރުކާރުގެ ގެދޮރުވެރިޔާ އަދި ބިން ވެރިޔާ ސްކީމުގެ ދަށުން ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލި ފަރާތްތަކާ މެދު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށާއި އެކަމާމެދު މަޝްވަރާ ކުރާނެ ކަމަށް އިންތިގާލީ އޮފީހުން ބުނެފި އެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު އެވެ. ދެވަނަ ބުރުގައި މާލެ ސަރަހައްދުން 4،000 ގޯއްޗާއި 6،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓްއަށް ހުޅުވާލި ފުރުސަތުގައި 40000 ވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މިސަރުކަރުން އެއްވެސް މީހަކަށް ދޭ ގޯއްޗެއް އަދި ފްލެޓެެއްވެސް އަތުނުލާނެ ކަމަށް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައިވެސް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވީމާ ޑރ. މުއިއްޒުގެ އެ ނިންމެވުން އޮތީ އެގޮތަށް ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"އިންތިހާބީ ރައީސްގެ ކޮމިޓްމެންޓް މިއޮތީ ކުރިން ޝާއިއު ކުރެވިފަ އޮތް ލިސްޓާ. ފަހުން ކުރި އިއުލާނާ ގުޅޭ އެޕްލިކޭޝަންތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން އިތުރު މަޝްވަރާތައް ހިންގަމުން އެބަ ގެންދަން،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އެއްވެސް މީހަކަށް ލިބޭ ގޯއްޗެއް އަދި ފްލެޓްއެއް އަތުނުލައްވާނެ ކަމަށް ޑރ. މުއިއްޒުު ވިދާޅުވިއިރު ޝާއިއުކޮށްފައި އޮތީ މި ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން ވަކި ލިސްޓެއް ކަމަށާއި ފަހުން އިއުލާނެއްކޮށް، އިތުރު މީހުންނަށް ކުރިމަތިލެވޭ ގޮތަށް އިއުލާންކޮށްފައި ނުވާ ކަމަށެވެ.

މި ފިޔަވަހީގެ ދަށުން ގޯތި ދުކުރުމަށް ހަމަޖެހިފައި ވަނީ އުތުރު ތިލަފަޅުންނެވެ.

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ނިންމާފައި ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ. އަދި މި ގޯތިތައް ދޫކުރުމަށް ނިންމާފައިވާ އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފުރަތަމަ ބުރުގައި ޝަރުތު ހަމަވި މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. އެ ބުރުގެ ދަށުން 6،500 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވެ އެވެ.

ފުރަތަމަ ބުރުގައި ގޯތި ލިބުނު މީހުންގެ ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ. ނަމަވެސް، "ބިންވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވައްސާ ގުޅޭ ގޮތުން އެ މަނިކުފާނު ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.