ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބޭއިރު، އެއާ އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގައި މިހާރު ކުރާނެ މާ ބޮޑު މަސައްކަތެއް ނެތް ކަމަށެވެ. އެގޮތުން މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ބޮޑު ހޭދައެއް ކުރާއިރު، ބައްދަލުވުންތަކުގައި އެވްރެޖްކޮށް 15 މިނެޓު ވެސް ހޭދަނުވާ ކަމަށާއި، ގިނަ ފަހަރަށް ކޮމިޓީތައް އެޖެންޑާކުރުމަށް ފަހު ކެންސަލްކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

މިސާލެއްގެ ގޮތުން، މި ހަފުތާގެ ތަޅުމުގައި ބަހުސްކުރާނެ އިތުރު ކަމެއް ނެތުމުން ކުންޏާ ބެހޭ އެންމެ އިސްލާހެއްގެ ބަހުސް ދިގުދަންމަން ޖެހިފައިވާ ކަމަށާއި، މިއަދު އެޖެންޑާކުރި މާލިއްޔަތު ކޮމިޓީ ވެސް ގަޑި ޖެހުމުން ކެންސަލްކޮށްފައިވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"މިހާރު މަޖިލީހުގައި އޮތީ އެމެންޑްމަންޓެއް ކުންޏާ ބެހޭ ގޮތުން އައިސް އޮތް. އެ އިސްލާހަށް މިއަދު އެންމެ ބޭފުޅަކަށް ފުރުސަތު ލިބުނީ ބަހުސްކޮށްލަށް. އެއީ ކުރާނެ އިތުރުކަމެއް ނެތީމާ އަޅުގަނޑުމެން ޖެހޭނީ ހަމަ އެންމެ އެމެންޑްމަންޓެއް މި ހަފުތާގައި ތަޅުވަން. ދެން މިއޮތީ ކޮމިޓީގެ މަސައްކަތް. ކޮމިޓީގެ އެލަވަންސްގެ ގޮތުގައި އަޅުގަނޑުމެންނަށް އެބަ ލިބޭ 20،000 ރުފިޔާ. ކޮމިޓީއެއްގަ މިހާރު އެވްރެޖްކޮށް ހޭދައެއް ނުކުރަން އަޅުގަނޑުމެން 15 މިނެޓު [ވެސް]،" ޝަމްހީދު ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާ ވެސް ދެ ގަޑިއިރުގެ ތެރޭގައި ނިންމާލާފައި ވާއިރު، މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އެންމެ އެދެވޭ ގޮތެއްގައި ނުއުފުލޭ ކަމަށް އިދިކޮޅު މެންބަރުން ތުހުމަތުކުރެ އެވެ.

ކޮމިޓީތައް އެޖެންޑާކުރުމަށްފަހު ކެންސަލްކުރުމާއި، ފަސް މިނެޓު ނުވަތަ ދިހަ މިނެޓުން ބައްދަލުވުންތައް ނިންމާލާ މައްސަލައިގައި މީގެ ކުރިން ވެސް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް މަޖިލީހަށް ވަނީ އަމާޒުވެފަ އެވެ. ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ވެސް ޖަލްސާތަކާއި ކޮމިޓީތައް ގަވައިދުން ބާއްވާފައި ނުވާކަން ފާހަގަކުރެވެ އެވެ.