އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒުރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ފެށުނު ހަނގުރާމައާ އެކު ހާލުގައި ޖެހުނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނެވެ. ބޯހިޔާވާނެ ފުރާޅެއް ނެތި، ބޭނުންކުރާނެ އަންނައުނެއް ނެތި، އަރުން ދިރޭނެ ކާއެތިކޮޅެއް ނުލިބި އެ އަޚުންނާއި އުޚުތުން ދަނީ ދުވަސްތައް ފާއިތު ކުރަމުންނެވެ.

ޖައްބާރު އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުވާން ފެށުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަބުއްދިއަށް ވިސްނޭ ހަގީގަތް ގަބޫލުކުރާ މީހުން މަގުތަކަށް ނުކުމެ ޝުއޫރުތައް ފާޅުކުރަން ފެށި އެވެ. އެކި ގޮތްގޮތުން ފަލަސްތީނަށް އެހީވާން މަސައްކަތް ފެށި އެވެ.

އޭގެ ތެރެއިން ވެސް އަހަރުމެންގެ ދިވެހި ރާއްޖެއިން ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ދިއްކޮށްލި އެހީގެ އަތްތައް ފާހަގަ ކުރަންޖެހެ އެވެ. ބައި މިލިއަން އާބާދީއެއް ހަމަނުވާ، ދުނިޔޭގެ ޗާޓުން ކުދި ތިކިތަކެއްގެ ސިފައިގައި ފެންނަ މި ކުޑަ ޖަޒީރާއަކީ ނިސްބަތުން ފަލަސްތީނަށް އެންމެ ބޮޑު އެހީއެއް ދިން އެއް ގައުމަށް ވާނެ އެވެ.

ފަލަސްތީނަށް ދިވެހިން ކުރާ ތާއީދު ދައްކާލަން މިިދިޔަ ހުކުރު ދުވަހު ބޭއްވުނު އެއްވުމުގެ ތެރެއިން

ތެދެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުން ބޮޑެތި އަދަދުތަކުން ފަލަސްތީނަށް އެހީވަމުން އެބަދެ އެވެ. ބައެއް މަޝްހޫރު ޝަހްސިއްޔަތުން ވެސް ފަރުދީ ފެންވަރުގައި ދަނީ އެހީ ވަމުންނެވެ. އެހެން ނަމަވެސް އަހަރުމެންގެ ރާއްޖެއިން މިކަމަށް ލިބުނު އެހީ ފާހަގަ ކުރަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ.

ފަލަސްތީނުގެ މައްސަލާގައި ދިވެހިންގެ ލެއާއި ޖަޒުބާތު ހިނގާ އެއްވެސް ދިވެއްސެއްގެ ހިޔާލު ތަފާތުވާނެ ކަމަކަށް ނުބެލެވެ އެވެ. ފަލަސްތީނުގެ ހައްގުގައި ނުނުކުންނާނެ ދިވެހިންގެ އަދަދު މި ގައުމުގައި އިނގިލިން ގުނޭހާ މަދުވާނެ އެވެ. ތިބި ނަމަވެސް އެއީ ދިވެހި ލޭ ހިނގާ މުސްލިމް ދިވެހި ރައްޔިތުންގެ ގޮތުގައި ގަބޫލެއް ނުކުރެވެ އެވެ.

ކޮންމެއަކަސް ކުޑަ ކުޑަ ޖަޒީރާ ގައުމަކަށްވި ނަމަވެސް ދިވެހިންގެ އަޑު ވަރަށް ސާފުކޮށް އިއްވައިފި އެވެ. ދިވެހިންގެ ދީލަތިކަން މުޅި ދުނިޔެއަށް ދައްކާލައިފި އެވެ. އިންސާނީ އެހީ ދިނުމުގައި ދިވެހި ރާއްޖެ، އެއަށްވުރެ ނިސްބަތުން މާ ބޮޑު ގައުމުތަކަށް މިސާލު ދައްކައިފި އެވެ.

ފަލަސްތީނު މީހަކު ދިވެހި ދިދައެއް ހިފައިގެން

އެއާއެކު ފަލަސްތީނުގެ ރައްޔިތުންގެ ޝުކުރު ދިވެހިންނަށް އޮއްސާލި އެވެ. ފަލަސްތީނުގެ ބިމުގައި ދިވެހި ދިދަ ވިހުރުވާލި އެވެ. ދިވެހިންގެ އެހީ ފާހަގަކޮށް ސޯޝަލް މީޑިއާގައި ވީޑިއޯތައް ދައުރުވާން ފެށި އެވެ. އޭގެ ތެރެއިން ހާއްސަ ވީޑިއޯކޮޅެއް ފާހަގަ ކޮށްލާނަމެވެ.

ފަލަސްތީނު ޕްރޮގްރެސިވް އެސޯސިއޭޝަން މެލޭޝިއާގެ ޗީފް އެގްޒެކިއުޓިވް ޑރ. ހިނައިނީ ރާއްޖޭގެ ރައްޔިތުންނާ މުޚާތަބުކޮށް ދެއްވި ހިތާބެކެވެ. ﷲ ގަންދީ ވިދާޅުވީ ދިވެހިންނަކީ ފަލަސްތީނު ރައްޔިތުންގެ އަޚުންނާއި އުޚުތުން ކަމުގަ އެވެ. އެދިލެއްވީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށްޓަކައި ދިވެހިންގެ ދޭ އެހީ ފޯރުކޮށްދިނުމުގައި ދެމިތިބުމަށެވެ.

މިހާތަނަށް ދިވެހިން ދިން އެހީ ފާހަގަ ކުރައްވައި ޑރ. ހިނައިނީ ވިދާޅުވީ އެ އެހީން ވެސް ގޮތް ހުސްވެފައިވާ އެތައް އާއިލާއަކަށް ކުޑަ ނަމަވެސް އެހީއެއް ލިބިފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ ކެކުޅުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމަށެވެ.

https://fb.watch/nVKdXirc94/?mibextid=Nif5oz

އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރިކަން ޣައްޒާއަށް ކުރިމަތިވަމުން ދާތާ ތިން ހަފްތާ ވަނީ އެވެ. އެ އަނިޔާވެރިކަމުގައި ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް މިދުނިޔެއާ ވަކިވެއްޖެ އެވެ. އެތައް ހާސް ދަރިންނެއް މައިންބަފައިންނާ ވަކިވެ ބިކަވެއްޖެ އެވެ.

މި ހާލަތުގައި އަހަރުމެން ދިވެހިންގެ އަޒުމަކަށް ވާންވީ ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އެހީވުމުގައި ދެމިތިބުމެވެ. މުސްލިމް އުއްމަތް ޔަހޫދީންގެ ނުބައި ރޭވުންތަކުންނާއި އަނިޔާވެރިކަމުން ސަލާމަތް ކޮށްދެއްވުން އެދި ﷲގެ ހަޟްރަތުގައި ގިނަގިނައިން ދުއާ ކުރުމެވެ. އަހަރުމެންނަށް ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ އެއީ އެވެ.