ހުޅުމާލޭ މިސްކިތެއްގައި ނަމާދަށް ހުރި ދިވެއްސަކަށް ހަމަލާދިން އިންޑިއާގެ މީހާ އަށް ދައުވާ ކުރުމަށް ވުރެ މަސްލަހަތު ބޮޑީ އޭނާ ޑީޕޯޓް ކޮށްލަން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެމީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތް ކުރިއިރު އެ މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަހަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލަން ކަމަށާއި އެ ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ އެ އޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ ކަމަށެވެ.
މައްސަލަ އެ އޮފީހަށް ހުށަހެޅިއިރު ތަހުގީގުކުރި ފަރާތުގެ އޮޕީނިއަން އަކަށްވެސްވީ ޑީޕޯޓްކޮށްލުމުގެ މަސްލަހަތު ބޮޑުކަމަށް ކަމުގައި ޕީޖީ އޮފީހުން ބުންޏެވެ.
"މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ކުރިންވެސް އަމަލުކުރާ ގޮތެއް. މިބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކިގައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއްނޫން،" ޕީޖީ އޮފީހުން ބުންޏެވެ.
ދާދިފަހުން ހުޅުމާލޭ މަސްޖިދު އަޒީޒާ މޫސާގައި އަސުރު ނަމާދުގެ ޖަމާއަތް ނިމުނުތަނާ އިންޑިއާ މީހާކު ކުއްލިއަކަށް މިސްކިތަށް އަރައި، އެވަގުތު ނަމާދަށް ހުރި ދުވަސްވީ މީހެއްގެ ކަރުގައި ހިފި އެވެ. އަދި އެވަގުތު މިސްކިތުގައި ތިބި މީހުން އޭނާ ހުއްޓުވައި ފުލުހުންނާ ހަވާލުކުރީ އެވެ.
ޕީޖީގެ އެ ނިންމުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ ރައްދު ދެއްވާފަ އެވެ.
ހައިލަމް ވިދާޅުވީ ކުށެއް ކުރުމުގައި މީހަކަށް ހަމަލާ ދީފައިވާނަމަ، އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ގާނޫނާ ޚިލާފަށް މަސްލަހަތު ބޮޑުގޮތް ކަނޑައެޅުމުގެ ބާރު ޕީޖީއަށް ލިބިގެނެއް ނުވާ ކަމަށެވެ.