ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބުނީ މި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ކަމަށެވެ.

މިއީ ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށް ފަހު، ޑރ. މުޢިއްޒު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ އެކު ބާއްވަވާ މިފަދަ ފުރަތަމަ ބައްދަލު ކުރެއްވުމެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ.

ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި ބޭއްވި އެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ދެއްވި ތާއީދަށް ޝުކުރު ދަންނަވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި، ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން ދިނީ ވަރަށް ވަރުގަދަ ތާއީދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.