ޕީޕީއެމްގެ ނަމުގައި ސައްހަ ނޫން މެސެޖްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޕާޓީން އެދިއްޖެ އެވެ.
ޕީޕީއެމްއިން ބުނީ މިއީ ބަޔަކު ފޮނުވަމުންދާ ސްޕޭމް މެސެޖްތަކެއް ކަމަށާއި މިކަމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް އެދޭ ކަމަށެވެ. އަދި ފޯނުތަކަށް ފޮނުވަމުންދާ ލިންކަށް ވެސް ނުވަނުމަށް އެޕާޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރެއިން ފެށިގެން ޕީޕީއެމްގެ ނަމުގައި ފޮނުވަމުންދާ މިމެސެޖުތަކަކީ އެޕާޓީގެ ނަން ބޭނުންކޮށް ޑީއެޗްއެލްގެ ލިންކަކާއިއެކު އެކި މީހުންގެ ފޯނުތަކަށް ފޮނުވަމުންދާ މެސެޖެކެވެ. އަދި އެމެސެޖުގައި ޕެކެޖް ޑެލިވާ ނުވަނީ ފައިސާ ނުދައްކާތީ ކަމަށާއި، ލިންކަށް ވަދެ އެކަން ފުރިހަމަ ކުރުމަށް ބުނެފައިވެ އެވެ.
އެކި ކުންފުނިތަކާއި އިދާރާތަކާއި މުއައްސަސާތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ތަފާތު ގިނަ އުކުޅުތައް ބޭނުންކުރާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ތަކުރާރުކޮށް ކަމާ ގުޅޭ އިދާރާތަކުން އެދެމުން ދިޔަ ނަމަވެސް ބައެއް އާންމުންނަށް އެކަމަށް ސަމާލުކަން ނުދެވި ފައިސާގެ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.
އެކި އެކި ފަރާތްތަކުގެ ނަމުގައި ސްޕޭމް މެސެޖު ފޮނުވައި މީހުންގެ އަތުން ފައިސާ ފަދަ ތަކެތި ފޭރެމުންދާ މައްސަލަތައް ދަނީ ގިނަވަމުންނެވެ. އަދި ފުލުހުން އަންނަނީ މިފަދަ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.