ކޮވިޑްގެ މިއުޓޭޓްވެފައިވާ އާ ވައްތަރުތައް ދުނިޔޭގެ 70 އަށްވުރެ ގިނަ ގައުމަށް ފެތުރިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯ އިން އެންމެ ފަހުން ނެރުނު އެޕިޑެމިލޮޖިކަލް އަޕްޑޭޓްގައި ބުނެފައި ވަނީ އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ފެނުނު ކޮވިޑްގެ އާ ވޭރިއަންޓް މިހާރު 70 އަށް ވުރެ ގިނަ ގައުމުން ފެނިފައިވާ ކަމަށާއި ދުނިޔޭގެ ހުރިހާ ރީޖަންތަކަށް ފެތުރިފައިވާ ކަމަށެވެ.
އަލަށް ފެނުނު ކޮވިޑް ވޭރިއަންޓް ވީއޯސީ 202012/01 ބޭނުން ކޮށްގެން މިހާތަނަށް ހެދި ޓެސްޓުތަކުން މި ވޭރިއަންޓް ވަނީ އެހެން ވައްތަރުތަކާއި ހިލާފަށް އަވަހަށް ފެތުރޭ ކަމަށް ފާހަގަކުރެވިފަ އެވެ. މި ވޭރިއަންޓް އެންމެ ގިނައިން ފެނުނު ކަމަށް ރިޕޯޓްކުރި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ އެ ގައުމުން ހެދި ޓެސްޓްތަކުން މި ވޭރިއަންޓް ކުރީގެ ވައްތަރުތަކާ ބޮޑު ތަފާތެއް ހުރިކަމަށް ވިދާޅުވެފަ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ސައުތު އެފްރިކާއިން ފެނުނުކަމަށް ރިޕޯޓްކޮށްފައިވާ ކޮވިޑްގެ ވޭރިއަންޓް ވެސް 31 ގައުމަކުން ފެނިފައިވާ ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓާ ހިލާފަށް ސައުތު އެފްރިކާއިން ފެނުނު ވޭރިއަންޓުގެ ޕްރިލިމިނަރީ ޑޭޓާތަކުން މިއީ އެހާ ނުރައްކާތެރި އަދި އަވަހަށް ފެތުރޭ ވައްތަރެއްކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި ބްރެޒިލުން ވެސް އިތުރު ވައްތަރެއް ފެނިފައިވާ ކަމަށާއި މި ވައްތަރު މިހާރު ދުނިޔޭގެ 8 ގައުމުން ފެނިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ކޮވިޑާ ދެކޮޅަށް ވެކްސިން އުފެއްދި އެމެރިކާގެ ބަޔޯ ޓެކްނޮލޮޖީ ފާމް މޮޑާނާގެ ވެކްސިން އަލަށް ފެނުނު ކޮވިޑް ވޭރިއަންޓްތަކާ ދެކޮޅަށް އެންމެ އެދެވޭ ގޮތަކަށް މަސައްކަތް ނުކުރާކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ. އަދި މިއީ ކަންބޮޑުވާ ކަމެއް ކަމަށާ ވައިރަސް މިއުޓޭޓްވެގެން ދަނީ ކުންފުނިތަކަށް އެއާ ދެކޮޅަށް އެންމެ އެންމެ އެކަށޭނެ ވެކްސިނެއް އުފެއްދޭ ވަރަށް ވުރެއް އަވަސްކޮށް ކަމަށް ފާހަގަކޮށްފައިވެ އެވެ.
އެ ޖަމްއިއްޔާއިން ބުނިގޮތުގައި އަދިވެސް މި ވައިރަސްތަކާ ބެހޭ ގޮތުން ގިނަ ތަލްލީލްތަކާއި ސްޓަޑީތަކެއް ހަދަންޖެހެ އެވެ. އަދި އެ ސްޓަޑީތަކުގެ އަލީގައި ނޫން ގޮތަށް ވައިރަސް އާއި ދެކޮޅަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.