އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ހޮވުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ މަހު ބާއްވަން ނިންމައިފި އެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މަޖިލިސް ޕްރައިމަރީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމް، ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޑިސެންބަރު 20 އިން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާލާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ އިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުންނެވެ.

މިހާރު ވެސް އެ ޕާޓީގެ އެކި އެކި މެމްބަރުން އަންނަނީ މަޖިލިސް ޕްރައިމަރީއަށް ކެމްޕޭން ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ރަމަޟާން މަހު ކަމަށެވެ. އެ އިންތިހާބު ބާއްވާނެ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.