އަހަރެމެންގެ ދިރިއުޅުން ހުންނަ ގޮތުން ގަޑިން ގަޑިއަށް ކެއުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. ހެނދުނުގެ ކެއުން މެންދުރަށް ވެ އެގޮތުގެ މަތިން ރޭގަނޑުގެ ކެއުން ދަންވަރަށް ވެ ހިނގައިދެ އެވެ. ނަމަވެސް މިއީ ކިހާ ނުރައްކާތެރި ކަމެއްތޯ ވިސްނާލީ ކޮން ބައެއް ހެއްޔެވެ؟
ދުނިޔޭގެ ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ރޭގަނޑު ކާ ވަގުތު ލަސްކުރުމަކީ ސިއްހީ ގޮތުން ތަފާތު ނުރައްކަލާއި ކުރިމަތިލާން ޖެހޭ ކަމެކެވެ. އޭގެ ތެރޭގައި ކާތަކެތި ހަޖަމްވުމުގެ މައްސަލައާއި ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވުން ހިމެނޭ ކަމަށް އެފަރާތްތަކުން ވިދާޅުވެ އެވެ.
އިންޓަނެޝަނަލް ޖާނަލް އޮފް ކެންސާގައި ޝާއިއުކޮށްފައިވާ ދިރާސެއްގައި ބުނެފައިވާ ގޮތުގައި ރޭގަނޑުގެ ކެއުން 9:00 އަށް ވުރެ ލަސް ކުރުން ރަނގަޅެއް ނޫނެވެ. މީގެ އިތުރުން ރޭ ގަނޑުގެ ކެއުން އެންމެ ލަސްވެގެން ވެސް ނިދުމުގެ ދެ ގަޑި އިރު ކުރިން ކާން އާދަ ކުރުން މުހިންމެވެ. އެއީ ބައެއް ބާވަތްތަކުގެ ކެންސަރު ޖެހުމުން ސަލާމަތްވާނެ ރަނގަޅު އާދައެއް ކަމުގައި މި ދިރާސާގައިވެ އެވެ. އި
އުރަމަތީގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަކީ އާންމު ކެންސަރުގެ ދެ ބާވަތައް ވާއިރު، މިފަދަ ކެންސަރުތަކުން ދުރުވުމަށް މިފަދަ އާދަތައް މުހިންމު ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
މި ދިރާސާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ރޭގަނޑު ޝިފްޓް ޑިއުޓީ ނެގުމަކީ ވެސް އުރަމައްޗާއި ޕްރޮސްޓޭޓް ކެންސަރަށް މީހާ ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމެކެވެ. އެގޮތުން ދުޅަހެޔޮކަން މަތީގައި ދެމި ތިބުމަށް މިފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ދިރާސާއިން ދައްކަ އެވެ.
މި ދިރާސާ އިން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ އެއް ކަމަކީ ކެންސަރާއި މީހާގެ ކެއުމުގެ ވައްޓަފާޅިއާ ވެސް ބޮޑު ގުޅުމެއްވާ ކަމެވެ. އެހެން ކަމުން ރޭގަނޑުގެ ކެއުން އަވަސްކޮށްފައި، ރޭގަނޑުގެ ނިދި ހަމަކުރުން މުހިންމެވެ.
ދުޅަހެޔޮ ސިއްޚަތެއްގައި ދެމިތިބުމަށް ސިއްހީ މާހިރުން ދޭ ލަފަޔާއި އިރުޝާދާއި އެއްގޮތަށް އަމަލުތައް ބެހެެއްޓުމަކީ މުހިއްމު ކަމެކެވެ.