ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސްގެ ނުވިކި ހުރި އެޕާޓްމެންޓްތައް ވިއްކަން ހުޅުވާލިތާ ބައިގަޑިއިރުގެ ތެރޭގައި ހުރިހާ ފްލެޓެއް ވިކިއްޖެ އެވެ.

އެ ފްލެޓްތައް ވިއްކުމަށް ހުޅުވާލީ މިއަދު ހެނދުނު 10:00ގަ އެވެ.

އާބަންކޯއިން ވިނަރެސް ފްލެޓްތަކަށް އެދި ފޯމު ހުށަހަޅަން ދީފައިވާ ޕޯޓަލްއިން ދައްކާ ގޮތުގައި މިހާތަނަށް 281 ފްލެޓް ވަނީ ވިކިފަ އެވެ. ބާކީ އެއްވެސް ފްލެޓެއް ނެތް ކަމަށް ވެސް އެ ޕޯޓަލްގައިވެ އެވެ. އަދި ޕްރޮސެސިންގައި 1063 ފްލެޓް އޮތް ކަމަށް ޕޯޓަލް އިން ދައްކަ އެވެ. އެނގިފައިވާ ގޮތުގައި އެ ކުންފުނިން ވިއްކަން ހުޅުވާލީ ނުވިކި ހުރި 200 ވަރަކަށް ފްލެޓެވެ.

ވިނަރެސްގެ ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލީ، ފުރަތަމަ އެދޭ ބަޔަކަށް އެ ވިއްކާ އުސޫލުންނެވެ. އެނގިފައިވާ ގޮތުގައި، ދެން ވިނަރެސް އިން ހުޅުވާލާނީ، މިއަދު ހުށަހެޅި ފޯމްތަކުން ކެންސަލްވާ ފްލެޓްތައް އެކަންޏެވެ.

ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ.

ވިނަރެސްގެ ހުރިހާ ޓަވަރެއްގައި ވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެ ތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.

● އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 883-1،395.64 އަކަފޫޓާ ދެމެދު

● އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދެއްކޭނެ

● ޕްރޮޖެކްޓް ނިންމައި ތަން ހަވާލުކުރުމާ ހަމައަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ

● އާބަންކޯއަށް އަށް 20-25 އަހަރު ތެރޭ ފައިސާ ދައްކާ ގޮތަށް އަދި ބޭންކުން ލޯނު ނަގައިގެން ވެސް ގަނެވޭނެ

ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް މިދިޔަ މަހު ކުޑަކޮށްފަ އެވެ. އެ ބަދަލާ އެކު، 25 އަހަރުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ފްލެޓް ގަންނަ މީހުންނަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ވަރު ކުޑަވެ އެވެ.