ފަލަސްތީނުގެ ޣައްޒާ އަށް ނިއުކްލިއާ ބޮން އެޅުމަކީ އިހްތިޔާރުގައި އޮތް ކަމެއް ކަމަށް ބުނެ އިސްރާއީލްގެ ހެރިޓޭޖް މިނިސްޓަރު އަމިހައި އެލިޔަހު ދެއްވި އިންޒާރު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގައި ކުށެއް ނެތް އެތައް އާންމުންނަކަށް އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި މިފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ވާހަކައެއް ދެއްކިޔަސް، އެކަމަށް އިސްރާއީލް ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުދޭ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ އަދި އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ގާނޫނާ ހިލާފު މި ފަދަ ވާހަކަތަކަށް ފިޔަވަޅު އަޅަން ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވާލައިފަ އެވެ.

ކުށެއް ނެތް އާންމުންނަށް ދޭ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައު އިން އަވަސް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވެސް ރާއްޖެ އިން ވަނީ ގޮވާލައިފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ތަފާތު އެކިއެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު އެކި އެއްވުންތަކާއި ހިނގާލުންތައް ވެސް އަންނަނީ ބާއްވަމުންނެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 10،000 އާ ގާތް ކުރާ އިރު، އޭގެތެރޭގައި 4،000 އެއްހާ ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި 2،000 އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ. މި ހަމަލާތަކުގައި 25،000 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ.