ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ ވިނަރެސް ފްލެޓްތައް ވިއްކުން މަޑުޖައްސާލުމަށްފަހު ބައެއް މީހުންގެ ފޯމުތައް ޕްރޮސެސްނުކޮށް އަލުން ހުޅުވާލަން އުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަންފަށައިފި އެވެ.

ވިނަރެސް ފްލެޓަށް ހުޅުވާލުމުން އޮންލައިން ޕޯޓަލްއަށް އެއްފަހަރާ ގިނަބަޔަކު ވަންނަން އުޅުމުން ދިމާވި މައްސަލަތަކާ ހެދި، ވިނަރެސް ފްލެޓްތައް ވިއްކުން ވަނީ މަޑުޖައްސާލާފަ އެވެ.

ވިނަރެސް ފްލެޓު ވިއްކަން ހުޅުވާލިތާ ބައި ގަޑިއިރު ތެރޭގައި ހުރިހާ ފްލެޓަކަށް ވަނީ ހުށަހެޅުން ލިބިފަ އެވެ. އެނގިފައިވާ ގޮތުގައި ނުވަ ފަރާތަކުން ވަގުތުން ފައިސާ ދައްކަން އެދުނެވެ. އަދި ބާކީހުރި ފަރާތްތަކަކީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކަން ފްލެޓު ބުކްކުރި މީހުނެވެ.

ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ވަގުތު އޮންލައިން ޕޯޓަލްއަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ވަރަށް ގިނަ މީހުން ވަނީ ކަންބޮޑުވުންފާޅުކޮށް ޝަކުވާތައް ހުށަހަޅާފަ އެވެ.

އާންމުން ޝަކުވާ ކުރަމުންދަނީ ވިނަަރެސް ފްލެޓަށް ފޯމުލީ މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ މީހުންވެސް ހިމެނުމުންނެވެ. އަދި ކުރިން ފޯމުލާފައިވާ މީހުންގެ ފޯމުތައް ޕްރޮސެސް ނުކޮށް އަލުން ފުރުސަތަށް ހުޅުވާލަން އުޅޭތީ އެވެ.

އިއްޔެ ޕޯޓަލްއަށް ދިމާވި މައްސަލަޔާ ގުޅިގެން ބައެއް މީހުންނަށް ނުވަދެވި އެތައް އިރެއް ވެސް ވި އެވެ. އަދި ބައެއް ފަރާތްތަކަށް ފޯމު ފުރުމަށް ފަހު ސަބްމިޓް ނުކުރެވި 30 މިނެޓާ 45 މިނެޓު މަޑުކުރަން ޖެހުނެވެ.

ވިނަރެސް ޓަވަރުތަކުގައި ބާކީ ހުރި ފްލެޓްތަކުގެ ތެރެއިން ވިއްކަން ހުޅުވާޅީ 123 ފްލެޓެވެ. ޕޯޓަލްއަށް މައްސަލަ ދިމާވީ މި ފްލެޓުތަކަށް 1،000 ގިނަ މީހުން ހުށަހަޅާފައި ވަނިކޮށެވެ.

އަބަންކޯއިން ބުނެފައި ވަނީ ލިބުނު ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރެވޭތީ އެޕާޓުމަންޓް ގަތުމަށް އޮންލައިން ޕޯޓަލް މެދެވެރިކޮށް ފޯމުހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ.