މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވެއްޖެ ނަމަ ގަވާއިދުގެ ދަށުން، އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހަވީރު ހުކުމް ކުރުމާ އެކު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ހަވީރު ވަނީ ހުކުމް އިއްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވެއްޖެ ނަމަ ގަވާއިދުގެ ދަށުން އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައި އެ ޖަލްސާއަށް ވަނީ ރައީސް ނަޝީދުގެ މައްލަސަ އެޖެންޑާ ކޮށްފަ އެވެ.

އެ ދުވަހުގެ ޖަލްސާގެ ރިޔާސަތަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހާޒިރުވެވަޑައިނުގެންނެވި ނަމަވެސް މަޖިލީހުގެ ގަވާއިދުގެ މަތީން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަސް ބޭފުޅުންގެ ތެރެއިން ބޭފުޅަކު ރިޔާސަތު ބަލަހައްޓާނެ އެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ނަމަ ރިޔާސަތު ބަލަހައްޓާނެ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ އެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ކަމަށެވެ.