އަންނަ ހުކުރު ދުވަހު އުފެދޭ ސަރުކާރުގެ ކެބިނެޓުގައި 22 ވަޒީރުން ތިއްބަވާނެ ކަމަށާއި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރުނުކޮށް ހަރަދު ވެސް ކުޑަކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަނީ ﷲގެ ވާގިފުޅާ އެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެވެ.

ކެމްޕެއިންގެ ވައުދުވެވަޑައިގެންނެވި ގޮތަށް ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ އިސް އެހެން މަގާމުތަކުގައި ވެސް ތިއްބަވާނީ އެމީހެއްގެ މައްޗަށް އެމަނިކުފާނަށް ފަހު ބަސް ވިދާޅުވެވޭނެ ބޭފުޅުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެމަނިކުފާނެ ކަމެއް ކުރައްވަން ވިދާޅުވީމަ، އެހެން ބޭފުޅެއްގެ ހުއްދަ ހޯއްދަވަން ޖެހޭ ބޭފުޅަކު ކެބިނެޓަށާއި ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ މަގާމުތަކަށް އައްޔަން ނުކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު "އަޅުގަނޑު ރައްޔިތުންނަށްޓަކައި ވީ ވައުދުތައް ރަނުން ރަނަށް ފުރިހަމަ ކޮމިޓްމެންޓާ އެކީގައި، ރެއާއި ދުވާލު ހޭލާ ހުރެގެން މަސައްކަތް ކުރަން ޖެހުނަސް ކުރެވޭ ވަރުގެ ބޭފުޅުން އަޅުގަނޑު ލާނީ،" މުއިއްޒު ވިދާޅުވި އެވެ.

ކެބިނެޓްގެ ލިސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި މީޑިއާތަކުގައި އާންމުވެފައިވާ ލިސްޓުތަކާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ ކެބިނެޓް މިނިސްޓަރުންގެ ލިސްޓު %95 ރަނގަޅު ކަމަށެވެ. ނަމަވެސް އަދިވެސް ކުދިކުދި ބަދަލުތައް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ދެ ސަރުކާރަށް ވުރެ، އާ ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުވާނެ ކަމަށެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ މުޅި ސަރުކާރުގެ ސިޔާސީ މަގާމުތައް ވޭތުވެދިޔަ ދެ ސަރުކާރަށްވުރެ މަދުވާނެ. 700 ސިޔާސީ މަގާމަށްވުރެ އިތުރުނުކޮށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ފަސް އަހަރު ނިންމާނަން. ދެވަނަ ކަމަކަށް މިހާރު ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންކުރާ އިމާރާތްތަކުގެ އިތުރަށް އަމިއްލަ އެއްވެސް ތަނެއް ކުއްޔަކަށް ނުނަގާނަން" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު އެކުލަވާލާއިރު، މިނިސްޓްރީތަކަށް ނަތީޖާ ނެރެދެވޭނެ މެންޑޭޓުތަކެއް ކަނޑައެޅުމަށް ވިސްނަވާފައިވާނެ ކަމަށެވެ. ބައެއް ބޮޑެތި މިނިސްޓްރީތައް ދެބައި ކުރުމާއި، ވަކި މަސައްކަތްތަކަށް ޚާއްސަ މިނިސްޓްރީތައް އުފެއްދީ، މިނިސްޓްރީ ފެއިލްނުވެ ނަތީޖާ ނެރެދިނުމަށް މަގުފަހިކުރުމުގެ ގޮތުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެފިޝަންޓު ޓީމެއް ނެގުމުގެ އިތުރަށް، އެ ޓީމަށް ފޯކަސްޑް މަސައްކަތްތަކެއް ކުރެވޭކަހަލަ ގޮތަކަށް މިނިސްޓްރީތައް އަޅުގަނޑު ހުންނާނީ، ބައެއް ބޮޑެތި މިނިސްޓްރީތައް ސްޕްލިޓްކޮށްފައި" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ހިންގަވަން ވީހާވެސް ގިނަ އަންހެން ބޭފުޅުންނަށް ފުރުސަތު ދެއްވާނެ ކަން މީގެކުރިން ވިދާޅުވެފައިވާނެ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް އައިއިރު، ސަރުކާރުުގެ ކުންފުނިތައް ހިންގަވަން ދޭކަށް ވުރެ ގިނަ އަންހެން ބޭފުޅުން ނުތިއްބަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު އެކުލަވާލާ ޓީމުގައި ހަމައެކަނި ކުންފުނިތައް ހިންގަވަން ހަ ބޭފުޅުން ތިއްބަވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.