މާލޭގައި 20 އަހަރު އުޅެފައިވާ މީހުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލި މީހުންގެ މައުލޫމާތު ހިމެނޭ ލިސްޓެއް އާންމުކޮށްފި އެވެ.
ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ތެރޭގައި 40،594 މީހުން ފޯމް ހުށަހަޅާފައިވެ އެވެ. އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ފޯމު ހުށައެޅި 19،347 ފޯމާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށައެޅި 21،247 ފޯމެވެ.
ރޭ އިއުލާންކުރި ލިސްޓްގައި ފުލެޓަށާއި ގޯއްޗަށް ކުރިމަތިލި މީހާގެ ނަމާއި، އެޑްރެހާއި ރަށް އަދި ފޯމު ނަންބަރު ހިމަނައިފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ލިސްޓް ނެރެފައިވަނީ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި މީހުންގެ ފޯމު، މިނިސްޓްރީއަށް ލިބިފައިވާކަން ޔަގީންކުރުމަށް ކަމަށެވެ. ފޯމު ހުށައަޅައި، މި ދެ ލިސްޓްގައި ނަން ނެތް އެއްވެސް މީހެއް ވާނަމަ، އެކަމަށް ޝަކުވާ ހުށައެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ގެޒެޓްކޮށްފައިވާ ލިސްޓްގައި ނަން ހިމެނިފައި ނުވާނަމަ، މި މަހުގެ 30ގެ 14:00ގެ ކުރިން، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެ މައުލޫމާތު މިނިސްޓްރީއަށް ޙިއްސާކުރުމަށް ވަނީ އެދިފަ އެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ހުޅުވާލީ، 4،000 ގޯއްޗާއި 6،000 ފްލެޓަށް ކުރިމަތިލުމަށެވެ.
މިނިސްޓްރީން ކުރިން މަސައްކަތް ކުރީ ދެވަނަ ބުރުގައި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް، ދައުރު ނިމުމުގެ ކުރިން ނިންމުމަށެވެ. ނަމަވެސް އެ މަސައްކަތް ނިމިފައެއް ނުވެ އެވެ. އެހެން ނަމަވެސް ފޯމު ރިވިއުކުރުން ކުރިއަށްދާކަމަށް މިނިސްޓްރީން ބުންޏެވެ. މި ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުވަޅުން ގޯއްޗަށް ހުޅުވާލުމުން 20،000 އެއްހާ މީހުން ކުރިމަތިލި އެވެ. އޭގެ ތެރޭގައި ޝަރުތު ހަމަވާ 18،955 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދީފަ އެވެ.
މިއަދު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯމުތައް ބާތިލް ނުކުރައްވާނެ ކަމަށެވެ.
ސަރުކާރު ނިމުމުގެ ކުރިން ފުރަތަމަ ބުރުގައި ފެލްޓް ހަވާލުކުރާ 4،000 މީހުންނަށް ފެލްޓް ހަވާލުކޮށް ގުރުލުމުގެ މަސައްކަތް ވެސް ފެށި އެވެ. އެހެން ނަމަވެސް އެ މަސައްކަތް ހުއްޓާލާފައި ވަނީ އޭސީސީން އެކަން ހުއްޓާލުމަށް އެންގުމާ ގުޅިގެންނެވެ.