ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،600 ސާމްޕަލުން އިތުރު 105 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 88 މީހުންނާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި ހަތަރު މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 12 މީހެއްގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި މީހެކެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓްވްވި ކޭސްތަކުގެ ޖުމްލަ އަދަދަކީ 15،841 އެވެ. އޭގެތެރެއިން ބަލިން ރަނގަޅުވެފައިވާ ކޭސްތަކުގެ އަދަދަކީ 14،139 އެވެ.

ރާއްޖޭގައި މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،644 އެވެ. އޭގެތެރެއިން 163 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގަ އެވެ. އޭގެތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާދެމުންދާ ހަ މީހަކު ހިމެނެ އެވެ. އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދެ މީހަކު ވަނީ ވެންޓިލޭޓަރުގަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފްލޯގެ ވޯޑްގައި ފަސް މީހަކަށް ފަރުވާދެމުން އެބަދެއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 147 މީހުން ވަނީ އެޑްމިޓް ކުރެވިފަ އެވެ. ގއ. ކޮވިޑް ފެސިލިޓީގައި އެކަކު ލ. ގަމު ކޮވިޑް ފެސިލިޓީގައި ދެ މީހުން އަދި ފުވައްމުލަކު ކޮވިޑް ފެސިލިޓީގައި ދެ މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަދެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ މީހުން ދިރިއުޅޭ 41 ރަށެއްގައި 153 އެކްޓިވް ކޭސް މިވަގުތު އެބަތިބި ކަމަށެވެ.

މި ބަލީގައި މިހާތަނަށް 52 މީހަކު ވަނީ މަރުވެފަ އެވެ.