މިއަދުން ފެށިގެން ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން ރައީސް މުއިއްޒު ދިވެހި ޒައާމަތާ ހަވާލުވެވަޑައިގެން ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރުގައިވެސް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން، ފަހުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންގެ ގޮތުގައި އެމަނިކުފާނު ދިވެހި ގައުމީ ދިދަ ސިފަކުރައްވާފައިވެ އެވެ.

ހުވާކުރައްވަން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އާ ރައީސް ޑރ. މުއިއްޒު ވިިދާޅުވީ، ގައުމީ ދިދަ ދެކެ އެ މަނިކުފާނު އިންތިހާ އަށް ލޯބިފުޅުވާ ކަމަށާއި އެ ދިދަ އަށް އިރުއޮއްސުން ނިމުނީ ކަމަށެވެ.

"އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!" ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަކަށް ވަނީ، ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެން ކަމަށާއި ރަނގަޅު ކަންކަން ދިރުވުމުގެ އިތުރުން ނުރަނގަޅު ކަންކަން އިސްލާހުކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެން ކަމަށެވެ.

މި ނިންމެވުމާ އެއްގޮތަށް، ސަރުކާރުގެ މުއައްސަސާތަކުގައި ވަކި ވަގުތަކަށް މިހާރު ނަގަމުންދާ ގައުމީ ދިދަ، ތިރިކުރުމެއް ނެތި ދެން 24 ގަޑިއިރު ނަގާފައި ބަހައްޓާނެ އެވެ. މިހާތަނަށް ދިދަ ނަގަމުން އަންނަނި ހެނދުނު 06:00އިން އިރުއޮއްސި 06:00އަށެވެ.