ރިޔާސީ އާ ދައުރު ފެށުމާ ގުޅިގެން ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ ވުޒާރާތަކަށް ދިވެހި ބަހުން ކިޔާނެ ނަން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ރޭ ބުނީ ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ ވުޒާރާތަކަށް ދިވެހި ބަހުން ކިޔާނެ ނަން ހަމަޖައްސަވާ އެކަން އިއުލާނު ކުރެއްވުމަށް ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށެވެ. އެއާއެކު ސަރުކާރުގެ ވުޒާރާތަކަށް ދިވެހި ބަހުން ކިޔާނެ ނަން ހަމަޖައްސަވާ ވަނީ އިއުލާނު ކުރައްވާފަ އެވެ.

މި ބަދަލާއެކު މިނިސްޓްރީތަކުގެ ނަންބޯޑުތައް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. މިއީ ފަހުގެ ތާރީހުގައި ސަރުކާރުގެ ވުޒާރާތަކަށް ދިވެހި ނަންތަކެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި 22 ވުޒާރާ ހިމެނެ އެވެ.

  1. މިނިސްޓްރީ އޮފް ޑިފެންސް - ދިފާއީ ވުޒާރާ
  2. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ހާރިޖީ ވުޒާރާ
  3. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
  4. މިނިސްޓްރީ އޮފް ފިނޭންސް - މާލީ ވުޒާރާ
  5. މިނިސްޓްރީ އޮފް އެޑިޔުކޭޝަން - ތައުލީމީ ވުޒާރާ
  6. މިނިސްޓްރީ އޮފް ހެލްތް - ސިއްހީ ވުޒާރާ
  7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ
  8. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
  9. އެޓާނީ ޖެނެރަލްގެ އޮފީސް - ބަންޑާރަ ނައިބުގެ އޮފީސް
  10. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް - އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
  11. މިނިސްޓްރީ އޮފް ޓޫރިޒަމް - ފަތުރުވެރިކަމާ ބެހޭ ވުޒާރާ
  12. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
  13. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
  14. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
  15. މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް - ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ
  16. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
  17. މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް - ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
  18. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ
  19. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ - އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
  20. މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ - ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
  21. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
  22. މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ

ރައީސް އޮފީހުން ވަނީ ސަރުކާރުގެ ވުޒާރާތަކަށާއި އެ ވުޒާރާތަކުގެ ދަށުން ހިނގަމުންދާ ތަންތަނަށް ހަމަޖައްސަވައިފައިވާ ނަންބަރުތައް ވެސް އާންމު ކޮށްފަ އެވެ. އަދި ވުޒާރަތަކުގެ މަސްއޫލިއްޔަތުތަކާއި ވުޒާރާގެ ދަށުގައި ހިމެނޭ އިދާރާތައް ވެސް ވަނީ ކަނޑައަޅާ އާންމުކޮށްފަ އެވެ.