ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަނުކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

ޝަމާލް ސިފައިގެ ހިދުމަތާއި ގުޅިވަޑައިގަތީ މީގެ 35 އަހަރު ކުރިން 1988 ވަނަ އަހަރު އެވެ. މިހާތަނަށް ސިފައިންގޭގެ އެކި މަގާމުތައް ވަނީ ފުރުއްވާފަ އެވެ. ޝާމާލަކީ ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް، ދިވެހި ސިފައިންގެ ތާރީހުގައި ލިބިވަޑައިގެންނެވި ދެވަނަ ބޭފުޅާ އެވެ. އެއީ ސިފައިންގޭގައި ދެވަނައަށް އެންމެ އިސް ރޭންކެވެ

ޝަމާލް ހިދުމަތުން ރިޓަޔާކުރެއްވުމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ އެމަނިކުފާނު ހިދުމަތް ކުރައްވާފައިވަނީ ވަރަށް އިހުލާސްތެރި މަސައްކަތްޕުޅެއް ކަމަށެވެ. ޝަމާލްއަށް ވަނީ ހިދުމަތުގެ 16 ސާވިސް މެޑަލް ލިބިވަޑައިގެންފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗީފް އޮފް ޑިފެންސް ފޯސަށް ކުރިން ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުލް އަބްދުއްރަހީމް އަބްދުލް ލަތީފު އައްޔަން ކުރައްވާފަ އެވެ.