ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުގައި 22 ވަޒީރަކު ހިމެނެ އެވެ. ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ. މިދިޔަ ހުކުރު ދުވަހު އައްޔަން ކުރެއްވި މި ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިންނެވެ.

ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައިވާއިރު، ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ދަނީ މަޝްވަރާ ކުރަމުންނެވެ. އެއީ މިހާތަނަށް ބައެއް މިނިސްޓަރު އަމަލު ކުރައްވަމުންދާ ގޮތުންނެވެ.

އެމްޑީޕީގެ ގިނަ މެންބަރުންގެ ރޫހު ހުރީ މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނާއި، މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދާއި މިނިސްޓަރު އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑޮކްޓަރު އަލީ ހައިދަރު އަހްމަދަށް ރުހުން ނުދިނުމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ބައެއް އާ މިނިސްޓްރީތަކާއި އަދި ކުރިން ހުރި މިނިސްޓްރީތަކުގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވެ އެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އެކުލަވައިލި އެންމެ ގިނަ މިނިސްޓަރުން އެކުލެވޭ ކެބިނެޓެވެ.