ބަދިގޭގެ އެންމެ ޖަރާސީމު ގިނަ ތަނަކީ ކޮބާތޯ އަހާލައިފިނަމަ ގިނަ ބައެއްގެ ޖަވާބަކަށް ވަނީ ކުނި އަޅާ ވަށިގަނޑު ނުވަތަ ޑަސްބިނެވެ. އެހެން ނަމަވެސް ބަދިގޭގައި އެއަށްވުރެ ވެސް ޖަރާސީމު ގިނަ ތަނެއް ހުރުމަކީ ހައިރާން ކުރުވަނިވި ކަމަކަށް ވާނެ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ފުޑް ސޭފްޓީ އެންޑް އިންސްޕެކްޝަންއިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ބަދިގޭގެ އެންމެ ޖަރާސީމު ގިނަ ތަނަކީ ހަވާދުއަޅާ ފުޅިތައް ބަހައްޓާ ހަރު ނުވަތަ ކަބަޑެވެ.

ދިރާސާގައި ބުނާގޮތުން ހަވާދުތައް ބަހައްޓާ ހަރުގަނޑުގައި ޖަރާސީމު އަށަގަތުމުގެ ފުރުސަތު ބަދިގޭގެ އެހެން ތަންތަނަށްވުރެ 20 ޕަސެންޓް އިތުރެވެ.

ބަދިގޭގެ ސިންކާއި ޑަސްބިންއާއި އިސްކުރު އަދި ހިފާގެންގުޅޭ ސާމާނު ހިމެނޭހެން ކުރި ތަހުލީލުތަކުގައި މިތަންތަނުގައި ޖަރާސީމު އަށަގަތުން ލަސް ކަމަށް ހޯދިފައިވެ އެވެ.

އެގޮތުން ހަވާދު ބަހައްޓާ ހަރުގައި އެހާގިނަ ޖަރާސީމު އަށަގަންނަން މެދުވެރިވާ މައިގަނޑު ސަބަބަކީ ހަވާދު އަޅާ ފުޓިތައް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. ހާއްސަކޮށް ޕްލާސްޓިކް ފުޅީގައި ހަވާދު ރައްކާ ކުރާނަމަ ޖަރާސީމު އަށަގަތުން ދެގުނަ އިތުރުވެ އެވެ.

ހަވާދުގެ ބާވަތްތަކަކީ ކާބޯތަކެތި ތައްޔާރު ކުރުމުގައި އެންމެ މުހިއްމު ބާވަތްތަކަށްވާއިރު އެތަކެތީގައި ނަޖިސް ހުރުމަކީ ކާބޯތަކެތި ތަޣައްޔަރުވެ ބަލިމަޑުކަމަށް މަގުފަހިވާ ކަމެއް ކަން ވެސް ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

އެހެން ކަމުން ހަވާދު ބަހައްޓާ ހަރު ހިމެނޭހެން ބަދިގޭގެ ހުރިހާ ތަނެއް ގަވާއިދުން ރަނގަޅަށް ސާފު ކުރުމަށް ދިރާސާކުރި ފަރާތްތަކުން ލަފާދެ އެވެ.