ސްކޫލްތަކުގެ ލައިބްރަރީތަކުގައި އިސްލާމްދީނާއި ދިވެހި ސަގާފަތާއި އާދަކާދަތަކާ ފުށު އަރާ ފަދަ ފޮތްތައް ނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއި ކުރައްވައި ހުރިހާ ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ބުނެފައިވަނީ ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތް އަދި އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ސްކޫލުތަކުގެ ލައިބްރަރީތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ފޮތް އަދި އެހެނިހެން ވަސީލަތްތަކަކީ އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ސްކޫލުތަކަށް ހަދިޔާކުރާ ފޮތް ފަދަ ތަކެތި ލައިބްރަރީގައި ބޭނުން ކުރުމުގެ ކުރިން އެފަދަ ތަކެއްޗަކީ ދަރިވަރުން ބޭނުން ކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރު ކުރުމަށްވެސް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ސްކޫލްގެ ލައިބްރަރީގައި، އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުއަރާ ފަދަ އެއްވެސް ފޮތެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ހުރިނަމަ، މިނިސްޓްރީއާ ގުޅިގެން އެފަދަ ތަކެތި ނައްތާލުމުގެ އިންތިޒާމު ކުރިއަށް ގެންދިޔުމަށް ވެސް ވަނީ އެދިފަ އެވެ.

މިނިސްޓްރީން މިގޮތަށް ސާކިއުލާއެއް ސްކޫލުތަކަށް ފޮނުވާފައިވާއިރު އިސްލާމީ އަގީދާއާއި އަސްލާއި އުސޫލުތަކާއި ހިލާފް ފޮތްތަކެއް ސްކޫލް ލައިބްރަރީގައި ބެހެއްޓި މައްސަލައެއް ފެންމަތިވެ ބެލެނިވެރިންނާއި އާއްމުން ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.