އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބުކޮށްފި އެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރުގެ މަގާމުގެ ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަސްލަމް މަގާމުން އިސްތިއުފާ ދެއްވީ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ވުމުންނެވެ.

މިމަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމުގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ހޮވުމަށް މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެމްޑީޕީ ޕީޖީ ލީޑަރު ކަމަށް ހޮވުމަށް ނެގި ވޯޓުގައި މުހައްމަދު ރަޝީދަށް ލިބިވަޑައިގަތީ 28 ވޯޓެވެ. ކާށިދޫ މެމްބަރު ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ. އަދި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.

އެމްޑީޕީގެ ޓިކެޓްގައި ރައްޔިތންގެ މަޖިލީހަށް 67 މެންބަރުން އިންތިހާބުވި ނަމަވެސް އެމްޑީޕީ މެންބަރުންގެ ގޮތުގައި މަޖިލީހުގައި މިހާރު ތިއްބެވީ 55 މެންބަރުންނެވެ.