ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.

ޗެނަލް13 އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އެ މަނިކުފާނުގެ މަޝްވަރާ އާއި ލަފާ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބޭނުންނުކުރާތީ ކަމަށެވެ.

ޖަމީލް ވިދާޅުވީ ޔާމީންގެ ސިޔާސީ މަސައްކަތްޕުޅު ދެން ބައްޓަންވާނީ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ކަމަށެވެ.

ރައީސް ކަމަށް އިންތިހާބުވެވަޑައިގަތްފަހުން ޔާމީންގެ ފޯންކޯލްތަކަށް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ނުދެއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެބޭފުޅުން ބުރަ މަސައްކަތް ކުރީ ރައީސް ޔާމީނަށްޓަކައި ކަމަށާއި އެމަނިކުފާނު ޖަލުގައި އަނިޔާ ތަހައްމަލް ކުރެއްވި ކަމަށެވެ. ރައްޔިތުން އެދުނު ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި ކަމަށް ޖަމީލް ވިދާޅުވި އެވެ. ނަމަވެސް މިއަދު ޕާޓީގެ ލީޑާޝިޕްގެ ވިސްނުން އެމަނިކުފާނާ ތަފާތު ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި އިރު އެމަނިކުފާނު ވަނީ ޕީޕީއެމްގެ ހިންގުން ހަރަުދަނާ ކުރުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވާފަ އެވެ. ނަމަވެސް އެ ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ މިއަދު ޕީޕީއެމް އިން ވަކި ކޮށްފަ އެވެ.