ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ފަހުމީ ހަސަން އައްޔަން ކުރެއްވިތާ ހަތަރު ދުވަސް ފަހުން އެ މަގާމުން އޭނާ ވަކި ކުރައްވައިފި އެވެ.

ފަހުމީ އެ މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ހަވާލުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އެ މަގާމުން ފަހުމީ ވަކި ކުރައްވައިފަ އެވެ. އެކަން ސަރުކާރުން ވެސް ޔަގީންކޮށްދެ އެވެ.

ފަހުމީ އެ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. ފަހުމީ ވަކިކޮށްފައި ވަނީ އޭނާ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރުމުން ގިނަ ބައެއްގެ ފާޑު ކިއުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

ފަހުމީ އަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސަކަށް އޭނާ ހުންނެވި އިރު، އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވުނު ބޭފުޅެކެވެ. އެ މައްސަލައިގައި ފަހުމީ މަގާމުން ވަކި ވެސް ކުރި އެވެ.

އެކަމަކު، ސުޕްރީމް ކޯޓަށް ހުށަހެޅުމުން 2013 ވަނަ އަހަރު އެ ކޯޓުން ނިންމީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖުރައާތެއް ބާތިލް ކަމަށާއި އޭނާ އަށް ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅޭނެ ކަމަށެވެ. ފަހުމީ ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވައި ކާމިޔާބު ވެސް ކުރައްވައިފަ އެވެ.

ފަހުމީ ވަނީ ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރުގެ މަގާމު ވެސް ކުރައްވައިފަ އެވެ.