ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 4،126 ސާމްޕަލްތަކުން އިތުރު 215 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 159 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި އަށް މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހެއްގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 16،056 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވިި މީހުންގެ ޖުމްލަ އަކީ 14،190 އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 52 މީހަކު ވަނީ މަރުވަފަ އެވެ.

މިއަދު މާލޭގެ ކޭސްތައް ބޮޑުތަނުން އިތުރުވެފައިވާއިރު، މިއަދު ވަނީ ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފަ އެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ނުޖެހެނީސް ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިޔުމަކީ އެކަމުގެ ސަބަބުން ހޮސްޕިޓަލްތައް ފުރި، ބޮޑު ނުރައްކަލެއްގެ ތެރެއަށް ސިއްހީ ދާއިރާ ހުށަހެޅިގެންދާނެ ކަމެކެވެ. އެހެންކަމުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހުރިހާ ރައްޔިތުން ވެސް އަމަލުކުރުމަށް ޑޮކްޓަރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.